ބައެއް ބޭފުޅުން ސަރުކާރުން ކަންކަން ނިންމަނީ ލަހުން ކަމަށް ވިދާޅުވި ނަމަވެސް، ސަރުކާރު "ސްލޯކޮށް" ދާތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ނިންމުންތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ލަސްކަމަށް ބުނެ ބަޔަކު ފާޑުކީ ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، ކަމެއް ނިންމުމާ ހަމައަށް އައުމާއެކު އެކަމަކުން ނިކުންނާނެ ނަތީޖާއާއި މެދު ވިސްނަވާފައި ނޫނީ ކަމެއް ނުނިންމަވާ ކަމަށެވެ. އަދި ކުއްލިއަކަށް ނިންމަވަން ޖެހިވަޑައިގަންނަވާ ނިންމެވުންތަކުން ވެސް ނިކުންނާނެ ނަތީޖާއަށް ވަރަށް ބޮޑަށް ބައްލަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ސަރުކާރުން ކަމެއް ވަކިގޮތަކަށް ނިންމާފައި ވާނަމަ، އަދި ވަކިން ހާއްސަކޮށް ރައްޔިތުންނާއި ގުޅުން ހުރި ކަމެއް ނިންމަވާނަމަ އެކަމާ ވިސްނަވާ ކަމަށެވެ. އަދި އެފަދަ ނިންމެވުމެއް ބަދަލުކުރަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އާންމު ދިރިއުޅުއްވުމުގައިވެސް އަމަލުކުރައްވަނީ ވިސްނާ ވަޑައިގެންނެވުމަށް ފަހުގައި ކަމަށެވެ.

"ކަމެއް ކުރިމައްޗަށް އައުމުން ބޮޑުކަމެއް އައުމުން އެއީ ހައްލު ހޯދޭނެކަމެއްކަން އަޅުގަނޑު ގަބޫލުކުރަނީ. މީގަ ހައްލު ހޯދޭނެ. ހައްލު ނުހޯދޭނެކަމެއް ނޯންނާނޭ. ވިސްނީމަ ހައްލު ފެންނާނޭ. ވަރަށް ޕޮޒިޓިވް މައިންޑެއްގައި ކަންތައްތައް ކުރެވެނީ" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ނިންމެވުމެއްވެސް ނިންމެވުމުގައި އިސްކުރައްވާނީ ރައްޔިތުން ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުވާލައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ސޔާސީ ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވަނީ ތެދުވެރިކަމާއެކުގައި ކަންތައްތައް ހާމަކުރުން ކަމަށާއި، އޮޅުވާލުމެއް ނެތި، ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުން ކަމަށެވެ. އަދި ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެކަމެއް ނޯންނާނެ ކަމަށާއި، އެކަންކަން އިސް ކުރާ ފަރާތްތައް ބަލައިގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސުލްހަހާއިއެކު އޮޅުވާނުލާ ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކާ މީހުން އަބަދުވެސް ބަލައިގަންނާނެ ކަަމަށެވެ.