ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒެސް (އެސްއެމްއީ) ބޭންކުން ލޯން އެޕްލިކޭޝަން ބަލައިގަންނަން ފަށައިފިއެވެ.

މި ހަފްތާއިން ފެށިގެން ލޯން އެޕްލިކޭޝަންތައް ލިބެން ފަށައިފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޒިނާދު ވިދާޅުވިއެވެ. ޒީނާދު ވިދާޅުވީ، މިހާރު އެންމެ ގިނައިން އެޕްލިކޭޝަން ލިބެމުން އަންނަނީ ގެސްޓަހައުސް ތަކަށް ދޫކުރާ (ރަށުފަތުރު) ލޯނަށްކަމަށާއި ކުރިއަށް އޮތްތަނުގައި ބޭންކުން އާ ލޯނު ޕްރޮޑަކްޓަތައް ވެސް ދޫކުރަން ފަށާނެ ކަމަށެވެ.

އެސްޑީއެފްސީން ފުރަތަމަ ތައާރަފްކޮށްފައިވަނީ ހަތަރު ޕްރޮޑަކްޓެކެވެ. އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯން އަދި ހަރުމުދާ ލޯނެވެ. މި ލޯނުތައް ދެނީ އެކަމަށް ހާއްސަ ޕްރޮޕޯސަލް ހުށަހެޅުމުންނެވެ. ލޯންތަކާއި ބެހޭ މައުލޫމާތުތައް އެސްޑީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ޕްރޮޑަކްޓްތަކުުގެ ދަށުން ލޯނުގެ ގޮތުގައި 100,000 ރުފިޔާއާއި ތިން މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދެއް ދޫކުރެއެވެ. މި ލޯނުގެ އިންޓަރަސްޓް ރޭޓް އަހަރަކު ހަ ޕަސެންޓެވެ. އަދި އަމިއްލަ އަތުން ހަރަދު ކުރަންޖެހޭނީ ޕްރޮޖެކްޓްގެ 15 – 20 ޕަސަންޓެވެ. މި ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު، ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން އެއް އަހަރު ލިބެއެވެ. އަދި ރަހުނުގެ ގޮތުގައި ގޯތިގެދޮރާއި އެހެނިހެން މުދާވެސް ގަބޫލުކުރެއެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުފުޅެވެ.