ވިޔަފާރި އިނދަޖައްސާލުމަށް އެމެރިކާއިން އަޅަމުންދިޔަ ފިޔަވަޅުތަކާއެކުވެސް ޗައިނާގެ ޓެލެކޮމިއުނިކޭޝަންސް ކުންފުނި ވާވޭގެ އަހަރީ ފައިދާ، ނިމިދިޔަ 2018 ވަނަ އަހަރު 100 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ވާވޭއަކީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާއިން ތަސްވީރުކޮށްދެމުންދާއިރު، ވާވޭއިން ބުނި 2018 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ވިޔަފާރީގެ ފައިދާވެސް %25 އިތުރުވެފައިވާކަމަށެވެ.

ވާވޭއިން ބުނާ ގޮތުގައި އެކުންފުންޏަކީ މިނިވަން ކުންފުންޏެކެވެ. އަދި އެކުންފުނީގެ އުފެއްދުންތަކަކީ ސަލާމަތަށް ހުރި ނުރައްކަލެއްވެސް ނޫނެވެ. ވާވޭ ކުންފުނިން 2018 ވަނަ އަހަރު ބައިނަލްއަގުވާމީ ފެންވަރުގައި ކުރި ވިޔަފާރިން ލިބުނު ޖުމުލަ އާމްދަނީވެސް ވަނީ %19.5 އިތުރުވެފައެވެ. މިއީ ފާއިތުވީ 2 އަހަރު ދުވަހުގެ ތެރޭގައި އެކުންފުންޏަށް ލިބުނު އެންމެ ބޮޑު ކުރިއެރުންވެސްމެއެވެ.

ސްމާޓްފޯނު ވިޔަފާރީގެ އިތުރުން ވާވޭ ކުންފުންޏަށް ލިބުނު ފައިދާގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ތަރައްގީ ކުރަމުންދާ ޓެލެކޮމް އުމްރާނީ ތަރައްގީއާއި ގުޅުންހުރި ކަންކަން ކަމަށް މައުލޫމާތު ލިބެއެވެ.

ޓެލެކޮމް ޚިދުމަތަށް ބޭނުންވާ އެކިކަހަލަ އާލާތްތައް އުފެއްދުމުގައި މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ކުރީގައި އޮތީ ވާވޭ ކުންފުންޏެވެ.

ކަންމިހެން އޮތްއިރު، ހުޅަނގުގެ ބާރުތަކުން ވާވޭއާއި މެދު ކަންބޮޑުވުން ފާޅުކުރަމުންދަނީ އެކުންފުނީގެ 5ޖީ ޓެކްނޮލޮޖީއާއި ގުޅުންހުރި ޑިވައިސްތަކާ ގުޅިގެންނެވެ.