ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ 90 އިންސައްތަ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 13 މިލިއަނަށް ޑޮލަރު ދައްކަން ދައުލަތާއި ސަރުކާރު ކުންފުނި ތަކެއް ގުޅިގެން އުފެއްދި އެއާޕޯޓު އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރި މައްސަލަ އަކީ، ޑަބްލިއުއެލްޓީ އަށް، ރިސޯޓު ހެދުމަށްޓަކާ، އެއިމްސް ކުންފުނިން، ދޭން ބުނި، 3 ރަށެއް ދޭން 2007 ވަނަ އަހަރު އެއްބަސް ވުމަށް ފަހު އެ ރަށްތައް ނުދިނުމުން، ގެއްލުމުގެ ބަދަލާއި އެޑްވާންސް ގެ ގޮތުގައި ދެއްކި ފައިސާ ހޯދަން ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ކޮށްފައިވާ ވާ ދައުވާއެކެވެ.
ޑަބްލިއުއެލްޓީން ދަށު ކޯޓުގައި އެދިފައިވަނީ އެޑްވާންސް ގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރު ނަގައި ދިނުމަށެވެ. އެ މައްސަލައިގާ ދަށުކޯޓުންނާއި ހައިކޯޓުން ވެސް ބުނެފައި ވަނީ 16.9 މިލިއަން ޑޮލަރު އަނބުރާ ދޭން ޖެހޭނެ ކަމަށާއި، 112 މިލިއަން ޑޮލަރު އަނބުރާ ނަގައި ދެވެން ނެތް ކަމަށެވެ.
އެ ހުކުމް ޑަބްލިއުއެލްޓީ ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 13 މިލިއަން ޑޮލަރު އެއްމަސް ތެރޭ، އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. އަދި އެޑްވާންސް ގެ ގޮތުގައި ދައްކަން ޖެހޭ 16.9 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.
ދަތުރުފަތުރާ އެހެނިހެން ހަރަދުގެ ގޮތުގައި ހޭދަވި 103 މިލިއަނަށް ވުރެ ގިނަ ޑޮލަރު، އެކަށިގެންވާ ހެކި ނެތުމުގެ ސަބަބުން ނަގައިދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
މިއަދު އިއްވި ހުކުމްގައި އެއްބަސްވުމާ ހިލާފަށް އެއްބަސްވުމުގެ ބައިވެރިއަކު އަމަލު ކޮށްފި ނަމަ، އަނެއް ބައިވެރިޔާ އަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަން ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައި ވެއެވެ.
ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރާތީ ކަމަށް ބުނެ، 2015 ވަނަ އަހަރު ދައުލަތުން ވަނީ ވިލާ ކުންފުންޏަށް ދޫކުރި ފަސް ރަށެއް އަތުލާފައެވެ. އެކަމަކު މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ރަށްތައް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމް ކޮށްފައެވެ.
ތި މުދާބޮޑި ހިފާގެން ނުދެވޭނެ ކައްވަޅަކަށް ތީ ބޮޑުވަރު މުދަލާގެންވެސް އެވަރު ވެރިކަމާ ހެދިވެސް އެރަރު.