ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓުތަކުގެ ސޮފްޓްވެއާއަށް ބަދަލުތަކެއް ގެނެސް އޯވާހޯލްކުރުމަށް ބޭނުންވާ ސޮފްޓްވެއާ އަޕްޑޭޓެއް ތައާރަފުކޮށްފިއެވެ.

މިއީ މި މޮޑެލްގެ ދެ މަތިންދާބޯޓެއް ކުށްލި ގޮތަކަށް ވެއްޓި އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެން މިހާރު މުޅިދުނިޔޭގައިވެސް ގްރައުންޑްކޮށްފައިވާ ބޮއިންގް މެކްސް މޮޑެލްގެ ބޯޓުތަކަށް މިވަގުތު ބޭނުންވެފައިވާ ހައްލާ ދިމާލަށް ބޮއިންގް ކުންފުނިން އެޅި ފުރަތަމަ އަމަލީ ފިޔަވަޅެވެ.

ބޮއިންގް މެކްސް މޮޑެލްގެ 2 މަތިންދާބޯޓެއް ވެއްޓިފައިވަނީ އޭގެ ސިސްޓަމްތަކުގެ ފަރުމާގައި ހުރި މައްސަލައެއްގެ ސަބަބުން ކަމަށް ތަހުގީގު ޓީމުތަކުން ލަފާކުރާއިރު، ބޮއިންގްއިން ވަނީ ސޮފްޓްވެއާ އަޕްޑޭޓްގެ އިތުރުން އެ މޮޑެލްގެ މަތިންދާބޯޓުތައް އުދުއްސާ ޕައިލެޓުންނަށް ދޭ ތަމްރީނުތަކަށްވެސް ބަދަލެއް ގެނެސްފައިކަމަށް ޚަބަރު ލިބެއެވެ.

ޕައިލެޓުންނަށް ހާއްސަކޮށްގެން ބުދަ ދުވަހު ހާއްސަ ތަމްރީނު ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ސެޝަންގައި 200އެއްހާ ޕައިލެޓުން ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ.

ބޮއިންގް ކުންފުނިން ވަނީ އެ ކުންފުނީގެ މަތިންދާބޯޓުތަކަކީ އާންމު ދަތުރުތަކުގައި ބޭނުން ކުރަން ރައްކާތެރި ބޯޓުތަކެއްކަން ކަށަވަރުކޮށްދީ، ފަސެންޖަރުންނާ ރެގިއުލޭޓަރުންގެ އިތުރުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.