އޮސްޓްރޭލިއާގެ ކުންފުންޏެއްގައި މަސައްކަތްކުރި މީހަކު އޭނާގެ ކުރީގެ ބޮސް ގޮވައިގެން ކޯޓަށް ހިނގައްޖެއެވެ.
އޮސްޓްރޭލިއާގެ 'ކޮންސްޓްރަކްޝަން އިންޖިނިއަރިންގް' ނަމަކަށް ކިއާ ކުންފުނީގައި މަސައްކަތްކުރި، އުމުރުން 56 އަހަރުގެ ޑެވިޑް ހިންގްސްޓް އޭނާގެ ކުރީގެ ބޮސް ގޮވައިގެ ކޯޓަށް ދިޔައީ، ބޮސްގެ ފަރާތުން "ބުލީ" ކުރުމުގެ އަމަލުތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެއެވެ.
އެގޮތުން ޑޭވިޑް އިންނަ ކޮޓަރިއަށް އޭނާގެ ބޮސް ވަދެ، އޭނާއާ ދިމާލަށް ފޮޑިޖަހާ ކަމަށާ، ދުވާލަކު ފަސް ހަފަރަށްވެސް އެހެން ހަދާ ކަމަށްވެއެވެ. ޑޭވިޑް އިންނަ ކޮޓަރީގައި ކުޑަދޮރެއްވެސް ނުހުންނައިރު، ޑޭވިޑް އިންނަނީ ފާރާ ވީ ކޮޅަށް ކުރިމަތިވާ ގޮތަށް ކަމަށާ، ބޮސް ފޮޑިޖަހަން ފެށުމުން ބޮސް އާ ދިމާލަށް ޑިއޯޑަރަންޓް ސްޕްރޭސްވެސް ޑޭވިޑް ޖަހާކަމަށް އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަޑުއަހާލާއިރު މިއީ މަޖާ ކަމެއް ކަމުގައި ހީވި ނަމަވެސް، 2017 ވަނަ އަހަރު ތަކުރާރުކޮށް ހިނގަމުންދިޔަ މިއަމަލީ ބުލީ ނުވަތަ ގަނާ ކުރުމުގެ އަމަލެއް ކަމުގައިވެސް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ބޮސްގެ މި އުނދަގޫ ބޮޑުވެގެން ވަޒީފާއިން ކެނޑެން މަޖުބޫރުވި ޑޭވިޑް ދަނީ، ބަދަލުގެ ގޮތުގައި 1.28 މިލިއަން ޑޮލަރު ހޯދުމަށް ދައުވާ ކުރަމުންނެވެ.
ކޯޓަށް ހާޒިރުކުރުމުން ބޮސް ބުނީ ދެތިން ދުވަހަކު އެހެން ހެދިފައި އޮވެދާނެ ކަމަށާ، ނަމަވެސް އެއީ އެއްވެސް ހާލެއްގައި ބުލީ ކުރުމަށް ކުރި ކަމެއް ނޫންކަމަށެވެ. ކޯޓުންވެސް ބޮސްއާއި އެއްކޮޅަށް މައްސަލަ ނިންމާފައިވާއިރު، މި މައްސަލަ މިހާރު އޮތީ އޮސްޓްރޭލިއާގެ ސުޕްރީމް ކޯޓުގައެވެ.