ފުވައްމުލަކު ސިޓީއަށް އުފަން އުމުރުން 28 އަހަރުގެ އާމިނަތު އަސްރާއަކީ ހިތާއި ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރަންޖެހޭ ޒުވާނެކެވެ.

2011 ވަނަ އަހަރުން ފެށިގެން މާ ބޮޑަށް ވަރުދެރަވާތީ އަސްރާ ޑޮކްޓަރަށް ދައްކަމުން ދިޔައެވެ. ނަމަވެސް އެސެންމިންގާ ސިންޑްރަމްގެ ޝިކާރައަކަށް ވެފައިވާކަން އެނގުނީ މިދިޔަ އަހަރުގެ މެދުތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމުންނެވެ. އެ ބަލިން ސަލާމަތްވުމަށްޓަކައި އަސްރާގެ ފުއްޕާމެއާއި ހިތުގެ ޓްރާންސްޕްލާންޓެއް ހަދަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ކާމިޔާބު އޮޕަރޭޝަނަކަށް ހެދުމަށް އެއް އަހަރުތެރޭ އެ އޮޕަރޭޝަން ކުރުމަށް ވެސް ރާއްޖެއިން ބެލި ޑޮކްޓަރުން ލަފާ ދިނެވެ.

ހިތާއި ފުއްޕާމޭގެ ގުނަވަން ހޯދުމަށާއި މި އޮޕަރޭޝަން ކުރަން ދިއުމަށް ފައިސާ ހަމަޖެއްސުމަށް އާއިލާއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު އަސްރާއަށް ސްޓްރޯކެއް ޖެހި އޭނާގެ ހާލަތު އިތުރަށް ސީރިއަސް ވިއެވެ. އެ ދުވަހަށް ފަހު އަސްރާގެ ވާތް ފަޅީގައި ވާޅު ގޮތެއް ހުރެ ހަރަކާތް ކުރުމުގައި އުނދަގޫތަކެއް މެދުވެރިވި ކަމަށް އާއިލާއިން ބުނެއެވެ.

އާމިނަތު އަސްރާ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލްގައި

ސްޓްރޯކް ޖެހިގެން އަސްރާއަށް ދިމާވި ސިއްހީ އުނދަގޫތަކަށް މިހާރުވެސް ފަރުވާކުރަމުން ދާ ކަމަށާއި 80 ޕަސެންޓް ރިކަވާ ވެފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ. ރިކަވާގެ މުއްދަތު އިތުރުވަނީ އަސްރާގެ ހިތާއި ފުއްޕާމޭގެ މައްސަލައިގެ ސަބަބުން ސިކުނޑިއަށް ފޮނުވަންޖެހޭ ވަރަށް އޮކްސިޖަން ނުލިބޭތީ ކަމަށް ޑޮކްޓަރުން ބުނެއެވެ. އެގޮތުން މިހާރު އޮޕަރޭޝަން ކުރެވިދާނެ ކަމަށާއި ގުނަވަންތައް ހަމަޖެހޭތާ ފަސް ގަޑިއިރު ތެރޭ އޮޕަރޭޝަން ފަށަން ޖެހޭތީ ހޮސްޕިޓަލާ ވީހާވެސް ކައިރި ހިސާބެއްގައި ތިބުމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

މިހާރު އަސްރާ ވަނީ ނޭޝަނަލް އޯގަން އެންޑް ޓިޝޫ ޓްރާންސްޕްލާންޓް އޯގަނައިޒޭޝަން (ނޮޓޯ) ގައި ރެޖިސްޓާ ކުރެވިފައި ކަމަށާއި އަސްރާއަށް ހިތާއި ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަން ލިބުމުގެ ފުރުސަތު ބޮޑު ކަމަށް އާއިލާއިން ބުނެއެވެ.

އާމިނަތު އަސްރާ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލްގައި

މި އޮޕަރޭޝަން ކުރަން ހަމަޖެހިފައި ވަނީ ބެންގަލޫރުގައި ހުންނަ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލުންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން އަސްރާއަށް ފަރުވާ ހޯދުމަށް ބެންގަލޫރުގައި އެމީހުން ތިބި ކަމަށާއި މަހެއްގެ މައްޗަށް ތިބޭތަނުގެ ކުއްޔަށް ވެސް 30،000 އިންޑިއަން ރުޕީސް ދައްކަން ޖެހޭ ކަމަށް އާއިލާއިން ބުނެއެވެ.

މިހާ ހިސާބަށް އައުމުގައި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން އާއިލާއިން ފާހަގަކޮށް ޝުކުރުއަދާ ކުރެއެވެ. އަދި އެ އާއިލާއަކީ 'މާ ލިބިގެން އުޅޭ އާއިލާއެއް ނޫން' ކަމަށް ވާތީ މާލީގޮތުން އަދިވެސް އެ އާއިލާ ވަނީ އެހީތެރިކަން ބޭނުންވެފައެވެ. އާމިނަތު އަސްރާއަށް އެހީވާން ބޭނުންވާ ފަރާތްތަކުން އަސްރާގެ ބައްޕަ، އަހުމަދު މުހައްމަދު 7755054 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

މާތްﷲ އަސްރާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއްކަމުގައި ލައްވާށިއެވެ.