އެމްޑީޕީގެ އަމާޒަކީ މާލޭގައި ދިރިއުޅޭ މީހުންނަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދިނުންކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ހެންވޭރު ހުޅަނގުން އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާ ހަސަން ލަތީފްގެ ކެމްޕޭނުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އަމާޒަކީ މިފަދަ ކުދި ކުދި ތަންތަނުގައި ދިރިއުޅޭ މީހުންނަށް އެތަންކޮޅު ދޫކޮށްލީމާ އެމީހުނަން ގޯއްޗެއް، ނުވަތަ ފްލެޓެއް ލިބޭނޭ ނިޒާމް ހަމަޖައްސައިދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން މާލޭގައި ދިރިއުޅޭގޮތް އެއްވެސް މީހަކު އަނެކަކަށް ކިޔާދޭން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެންމެން އުޅެނީ އެއްގޮތަކަށްކަމާއި އެންމެންގެ ހާލަތު މިދަނީ ވެއްޓެމުން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ނަޝީދު ވިދާޅުވީ ތަންކޮޅެއް ތަނަވަސް މީހަކުވެސް މަގުމައްޗަށް ނިކުތުމުން އެއްގޮތަކަށްވެސް މާލޭގެ ހަގީގަތާއި ދުރަށް ޖެހެވެންނޯންނާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ދޮރުން ދޮރަށް ހިނގާ ހިނގުމުން އެނގުނީ 2011، ވަނަ އަހަރު 600 އަކަފުޓަށްވުރެ ކުޑަތަންކޮޅެއްގައި 8000 އާއިލާ ދިރިއުޅޭކަމެވެ. އަދި މިއަދު އެ އަދަދު 16000 އަށް އަރަމުން ދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ކުދިކުދި ތަންތަނުގައި އުޅޭ މީހުންނަށް މިނޫން ގޮތެއް ހޯދާ ދިނުމުން ދެކަމެއް ހާސިލް ވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއްކަމަކީ ތާހިރު ގޮތުގަ ދިރިއުޅެވޭނެ ގޮތެއް ލިބުންކަމާއި އަނެއްކަމަކީ މާލޭން ތަންކޮޅެއް ހުސް ވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގަހެއް ޖަހާނެ ތަންކޮޅެއް، ސައިކަލެއް ބަހައްޓާނެ ތަންކޮޅެއް، ނުވަތަ ނޭވާ ލާނެ ތަންކޮޅެއް، ގޮނޑިއެއް ބަހައްޓާނެ ތަންކޮޅެއް، ތަންތަންކޮޅު ހުސްކުރަމުން ގެންދިއުން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅުގައި، މަލޭގެ ހަތަރު ބްލޮކްގައި 600 އަކަފޫޓަށްވުރެ ކުދި ތަންތަން ކޮޅުގައި އުޅޭ، ހުރިހާ ތަންކޮޅެއް އެއްކޮށްލީމާ، މުޅި މާލޭގެ ހުރިހާ ސައިކަލު ވައްދާނެހާ ޖާގަ ހޯދޭނެ ކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީން އެޖެންޑާ 19 ހުށަހަޅަނީ ހިސާބު ޖަހާފަކަމާއި، އޭގެ ފުންމިނާއި ފުޅާމިނާ، ކޮންމެ ކަމަކާއި ބެހޭގޮތުން ހޯދަންޖެހޭ ހުރިހާ ހޯދުމެއް ހޯދާފަކަމަށެވެ.