ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުން އެކަނި އެ ބުރަ ނުއުފުލުމަށާ އެމީހުންނާއެކު އެންމެންވެސް ތިބި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކުގެ މީހުންނަށް ހާއްސަކޮށްގެން ގާއިމު ކުރި ސެންޓާ ފޯ މެންޓަލް ހެލްތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ އުނދަގޫތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އެމަނިކުފާނުގެ އިލްތިމާސަކީ އެކަނި އެބުރަ އުފުލަން ނުހަދާ، ނަފްސާނީ ބަލީގެ ތަޖުރިބާކާރެއްގެ އެހީ ހޯދުމަށެވެ. އަދި "އަޅުގަނޑުމެން އެންމެންވެސް މިތިބީ ތިޔަބޭފުޅުންނާ އެކުގައި" ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނަކީ ނަފްސަނީ ބަލީގެ މާހިރެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނަފްސާނީ ބަލި ތަހައްމަލް ކުރާ ގިނަ މީހުންނަށް، އެމީހުންގެ ހާލަތު ބުނެދޭކަށް ނޭނގޭ ކަމަށެވެ. އަދި މުޖުތަމައުން އެކަމާ ދެކޭނެ ގޮތް ހިތަށް އަރާފައި، އެކަމަށް ފަރުވާ ހޯދަން ވެސް ބައެއް ފަރާތްތަކުން ޖެހިލުންވާ ކަމަށެވެ.
"ސިއްހީ ހިދުމަތްދޭ ތަނެއް ގާއިމް ކޮށްގެން އެކަނި ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ. އާއިލާގެ ލޯތްބާއި އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވޭ. އަދި އެފަދަ މީހުންގެ އާއިލާތަކަށް ވެސް މުޖްތަމައުގެ އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދާދި ފަހުން ސަރުކާރުން އިއުލާން ކުރި، މަތީ ތައުލީމްގެ ލޯން ސްކީމްގައި ވެސް، ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ބޮޑު އަދަދެއް ކަނޑައަޅުއްވާފައި ވާނެ ކަމަށެވެ. އަދި މި މަރުކަޒުގެ ހިދުމަތް ކުރިމަގުގައި އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ވިސްނުންފުޅާއެކު، އެކަމަށްޓަކައި ތަޖްރިބާ ލިބިފައިވާ ޑަކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީނު ކުރުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ، ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންގެ އުނދަގޫތައް، ހަމައެކަނި މި މަރުކަޒުން މުޅިން ހައްލު ނުވާނެކަން. އެހެން ނަމަވެސް، އަޅުގަނޑު ދެކެނީ މިއީ ރަނގަޅު ފެށުމެއް ކަމަށް. އަދި އެމީހުން ތަހައްމަލް ކުރާ ބުރަޔަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށް" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ "ސެންޓަރ ފޮރ މެންޓަލް ހެލްތު" ގެ އެންމެ ބޮޑު ބޭނުމަކީ، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން، ގައުމީ ފެންވަރެއްގައި، ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުން ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެދިލެއްވުމަކީ މިހާލަތު މިއަށް ވުރެ ރަނގަޅު ގޮތަކަށް ބަދަލުވުން ކަމަށާއި، މެންޓަލް ހެލްތް ސެންޓަރަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގައި ތިބި ނަފްސާނީ ބަލީގެ މަދު ތަޖްރިބާކާރުންނަށް ދެއްކުމަށް، ނަން ނޯޓްކޮށްފައި ތިބި މީހުންގެ ވެއިޓް ލިސްޓު އެހާ ދިގު. އެކަމަށް ބޭނުންވާ ބޭސް ފަސޭހައިން ލިބެން ނެތުމުގެ އިތުރުން، އެކަމަށް ފަރުވާދޭނެ އެކަށީގެންވާ މަރުކަޒެއް ވެސް ރާއްޖެއަކު ނެތް. މިކަމުގައި އަޅުގަނޑު އެންމެ ދެރަވަނީ ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުން ފަރުވާ ހޯދުމަށް އުޅޭ ހިތްދަތި ހާލާ މެދު" ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދޭނެ އެކަށޭނަ ނިޒާމެއް މީގެ ކުރިން ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ނަފްސާނީ ބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ތިމާއަށް ނޭނގިވެސް ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުން މަދެއް ނޫން ކަމަށެވެ. އަދި ނަފްސާނީ ބަލި ޖެހުމަކީ މީހާ ދެރަވުމެއް ނުވަތަ މީހާ އަށް އުނިކަމެއް އައުމެއްވެސް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި އަލަށް ހުޅުވި މެންޓަލް ހެލްތް ސެންޓަރާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ހާއްސަކޮށް އެކި އަތޮޅުތަކަށް މީހުން ހޮވާ ތަމްރީނު ކުރެވިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.