ގްލޯބަލް ޓީޗާ ޕްރައިޒް ނުވަތަ ދުނިޔޭގެ އެންމެ ރަނގަޅު ޓީޗަރުގެ އެވޯޑް 2019، ކެންޔާގެ ރަށްފުށު ހިސާބުގައި ސައިންސް ކިޔަވާދެމުން އަންނަ ޕީޓާ ޓަބީޗީ ކަށަވަރުކޮށްފިއެވެ.

އޭނާއަށް ލިބޭ އާމްދަނީގެ %80 ފަގީރު ކުދިންނަށް ހަރަދު ކުރަމުން އަންނަ ޕީޓާއަށް ލިބުނު ގްލޯބަލް ޓީޗާ ޕްރައިޒް 2019ގެ ޝަރަފާއެކު އޭނާއަށްވަނީ 1 މިލިއަން ޑޮލަރުގެ އިނާމެއްވެސް ލިބިފައެވެ.

ޕީޓާ ކިޔަވާ ދެމުންދާ ސްކޫލުގެ ކުލާސްތައް ތޮއްޖެހިފައި އޮންއިރު، އެކަށީގެންވާ ޓެކްސްޓް ފޮތްތަކެއްވެސް ނުހުރެއެވެ. ގިނަ ކުދިން ސްކޫލަށް ދަނީވެސް 4 މޭލެއްހާ ދިގު ރާސްތާއެއް ފައިމަގުގައި ކަޑަތު ކުރުމަށްފަހުގައެވެ. ކުލާހެއްގައި 70 އާއި 80 އާއި ދެމެދު އަދަދަކަށް ދަރިވަރުން ކިޔަވައެވެ.

ޕީޓާ ގަބޫލުކުރާ ގޮތުގައި މުސްތަގުބަލައިގެން ކުރިއަށްދިއުމަށް ދަރިވަރުންނަށް އެންމެ މުހިންމު އެއް މާދައަކީ ސައިންސްއެވެ.

އުމުރުން 36 އަހަރުގެ ޕީޓާ ވަނީ އެފްރިކާގެ ކުޑަކުދިންގެ ގާބިލިއްޔަތުކަން ފާހަގަކޮށް، އެކުދިންގެ ތޫނިފިލިކަމުގެ ވާހަކަ ދުނިޔެއާއި ހިއްސާކޮށްފައެވެ. އެގޮތުން އެފްރިކާ މީހުންނަކީ ފަހަތުގައި ތިބޭނެ ބައެއް ނޫންކަމަށާ، ސައިންސްވެރިންނާ އިންޖިނިއަރުންގެ އިތުރުން ބޮޑެތި ވިޔަފާރިވެރިންވެސް އެފްރިކާއިން އުފެދިގެން އަންނާނެ ކަމަށް ޕީޓާ ވަނީ ބުނެފައެވެ.

ޕީޓާ ބުނާ ގޮތުގައި ކުލާހުގައި ކުދިން ގިނަވުމުގެ އިތުރުން އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ތައުލީމު ހާސިލުކުރުމުގެ މުހިންމުކަން މީހުންނަށް ވިސްނައިދިނުމެވެ. ހާލަތު ހުރި ގޮތުން ތައުލީމު ހާސިލުކުރުން ހުއްޓާލުމުގެ ނުރައްކާ ހީވާ ކުދިންގެ އާއިލާތަކުގެ ގާތަށް ގޮސް އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީވެސް ޕީޓާ ކުރަމުން އަންނަ މަސައްކަތެކެވެ. މީގެ އިތުރުން ޅަ އުމުރުގައި ތައުލީމު ހުއްޓާލުމަށްފަހު ކައިވެންޏަކާ ހަމައަށް އަންހެން ކުދިން ގެންދަން މަސައްކަތް ކުރާ މައިންބަފައިންނަށް ލަފާދިނުމަކީވެސް ޕީޓާ ކުރަމުން އަންނަ ކަމެކެވެ.