ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ޖަވާހިރެއް ނުލިބޭނެ ކަމަށް ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މާމިގިލީގައި މިރޭ ބޭއްވި ގާސިމް ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ، ދަރިންނާއި އާއިލާގެ ކަންކަމަށް ވުރެ ގާސިމް އަބަދުވެސް އިސްކަން ދެއްވަނީ ރައްޔިތުންނަށް ކަމަށެވެ. ނަހުލާ ވިދާޅުވީ ރައްޔިތުންގެ ލޯތްބައްޓަކާ ގާސިމް ގެ ހުރިހާ ވަގުތެއް ވަނީ ގުރުބާން ކުރައްވާފައި ކަމަށެވެ.
"ރައްޔިތުންނަށް ޓަކާ އޮންނަ ލޯބީގަ އާއިލާއަށް ދޭންޖެހޭ ވަގުތާ، ދަރީންނަށް ދޭންޖެހޭ ވަގުތާ މުޅި ހަޔާތުގައި ވަނީ ގުރުބާން ކުރައްވާފަ. އަޅުގަނޑު ދަންނަވާލަން އޮތީ، މި ފަދަ (ގާސިމް ފަދަ) ދެވަނަ ކެންޑިޑޭޓެއް، މި ދާއިރާއަށް ކީއްކުރަން ހޮވާލާފަ ކުރިމަތި ލާފަ ތިބި ހުރިހާ ބޭފުޅުންނަށް ގޮންޖައްސަވާފަ މި ދަންނަވަނީ، ލާހިކެއްނޫން ނެރޭކަށް" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ގާސިމްގެ ފަހަތުން ނުކުންނަވަން އޭނާއަށް ވުރެ ހައްގުކަން ބޮޑު ފަރާތެއް ނެތް ކަމަށާއި، ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް ގާސިމް އާ ވައްކެތް ނުކުރެވޭނެ ކަމަށާއި، އެއީ ގުޅިފައިވާ އެހެން ބައިވަރު ގުޅުންތަކެއް ހުރުމުން ކަމުގައި ކަމަށް ނަހުލާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ފާޑުފާޑުގެ އަޑުތައް އިވޭ، އެކަމަކު އަޅުގަނޑަކީ ޖަހާހާ ބެރަކަށް ނަށާ މީހެއް ނޫން، އަޅުގަނޑަށް ވާހަކަ ދައްކަން އުނދަގޫ ވެދާނެ، ޕޯޑިއަމް ކުރިމައްޗަށް އެރީމަ ދެފައި ކޮޅު ތުރުތުރު ވެސް އަޅާފާނެ އެކަމު ބަސް ހުސް ނުވާނެ ވާހަކަ ވެސް ދަންނަވަން" ނަހުލާ ވިދާޅު ވިއެވެ.
ނަހުލާ މިހެން ވިދާޅުވީ، ޖޭޕީން ޕީޕީއެމްއާ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމުމުން، އެކަމާ ނުރުހުން ފާޅު ކޮށް، ނަހުލާ ދެއްކެވި ވާހަކައާ ގުޅިގެން، ގާސިމާ ނަހުލާގެ ގުޅުން ރަނގަޅު ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވާހަކަ ފަތުރަމުން ގެންދަނިކޮށެވެ.