ޖުމްހޫރީ ފާޓީ(ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ގެ ކެމްޕޭނަށް، ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ބައެއް މިނިސްޓަރުން އދ. މާމިގިއްޔަށް ވަޑައިގަންނަވައިފިއެވެ.

ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓަރުން މާމިގިއްޔަށް ވަޑައިގަންނަވާފައި ވަނީ މިރޭ އެރަށުގައި ބާއްވަން ހަމަޖެހިފައިވާ، ގާސިމްގެ ކެމްޕޭން ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

މިއަދު މާމިގިއްޔަށް ވަޑައިގެންފައިވަނީ ގާސިމްގެ އަނބިކަނބަލުން، އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އަދި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޖުމްހޫރީ ޕާޓީގެ އިސްވެރިންގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ޖޭޕީގެ ރައީސް އަލީ ވަހީދުވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓަރުން ކެމްޕޭނަށް މާމިގިއްޔަށް ވަޑައިގެންފައި މިވަނީ، ޖޭޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕުރޮގްރެސިވް ކޮންގްރެސްއާ ގުޅިގެން ވާދަ ކުރުމަށް ނިންމުމާ ގުޅިގެން ސަރުކާރު ގެ އިސް މަގާމުތަކުގައި ތިއްބެވި، ޖޭޕީގެ ބައެއް މެންބަރުންނާ، ގާސިމާ ދޭތެރޭ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުން ދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.