އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް މާފުށީގައި ޖަލުގައި މިއަދު ލޯންޗު ކޮށްފިއެވެ.

މި ކުލާސްރޫމަކީ އުރީދޫ އިން މޯލްޑިވްސް ކަރެކްޝަންސް ސާވިސް އާ ގުޅިގެން ގާއިމު ކޮށްފައިވާ ޕްލެޓްފޯމެކެވެ.

އުރީދޫއިން ބުނީ މި ޕްލެޓްފޯމު މެދުވެރިކޮށް މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ރިހެބިލިޓޭޝަނަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމް ތައް ހިންގޭނެ ކަމަށެވެ. މި ޕްލެޓްފޯމަކީ ބައިނަލް އަގުވާމީ ދުނިޔެ ބަލައިގެންފައިވާ ޕްލެޓްފޯމެއްކަން ވެސް އުރީދޫއިން ފާހަގަ ކުރެއެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސިއީއޯ. ނަޖީބް ޚާން ވިދާޅުވީ، މިއަދަކީ ވަރަށް ދެކެން ބޭނުންވި ދުވަހެއް ކަމަށާ، ޓެކްނޮލޮޖީން ދިރިއުޅުން ބަދަލު ކޮށްލެވޭ ތަން މިއަދު ފެންނަމުން ދާކަމަށެވެ. އަދި ޓެކްނޮލޮޖީ ގެ އެންމެ ހާއްސަ ކަމަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ޓެކްނޮލޮޖީ ގެ ސަބަބުން، ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށް ވެސް ނަޖީބު ވިދާޅު ވިއެވެ.

ނަޖީބު ވިދާޅުވީ މިއަދު ލޯންޗު ކުރެވުނު އުރީދޫ ޑިޖިޓަލް ޕްލެޓްފޯމުގެ ސަބަބުން، ގައިދީންގެ ހުނަރުތައް ތަރައްގީ ކޮށް، އެމީހުންގެ ތައުލީމީ ފެންވަރު މަތި ކުރެވޭނެ ކަމަށެވެ. އަދި އިންސާނުން ނަކީ ކަންތައްތައް ދަސްކުރާ މަހުލޫގުންތަކެއް ކަން ފާހަގަ ކުރައްވަމުން ނަޖީބު ވިދާޅުވީ، ކޮންމެ ތަނެއްގައި ވެސް ކޮންމެ ހާލަތެއްގައި ވެސް އިންސާނުންނަށް ކަންތައްތައް ދަސްކުރެވޭނެ ކަމުގައެވެ.

އުރީދޫ ސްމާޓް ކެމްޕަސް ނަޖީބު ސިފަ ކުރެއްވީ، އެއް ތަނެއްގައި ހުރެގެން އެކި ހިސާބު ތަކުގައި ތިބޭ ކުދިންނަށް ކިޔަވައިދޭ ޓިއުޝަން ޓީޗަރެއްގެ ގޮތުގައެވެ. އަދި ކޮންމެ ދާއިރާއަކުން ވެސް އެ ޓީޗަރަށް ކިޔަވައި ދެވޭނެ ކަމަށް ވެސް ނަޖީބު ވިދާޅު ވިއެވެ.

އެގޮތުން ކަރެކްޝަންސް ސާވިސްއަށް މި ޕްލެޓްފޯމް ބޭނުން ކޮށްގެން ޖަލުގައި ތިބޭ ގައިދީންނަށް ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށް ނަޖީބު ވިދާޅު ވިއެވެ. އޭގެތެރޭގައި، ވަޑާމުގެ މަސައްކަތާ، ކަރަންޓުގެ މަސައްކަތުގެ އިތުރުން ވަގުތައް ކަމޭހިތަން ދަސްކޮށް ދިނުން ފަދަ ކަންތައްތައް އޭނާ ފާހަގަ ކުރެއްވިއެވެ. ނަޖީބު ވިދާޅުވީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް މިހާރު މި ޕްލެޓްފޯމް މެދުވެރިކޮށް ގައިދީންނަށް ކިޔަވައި ދެވޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އުރިދޫ ޑިޖިޓަލް ސްމާޓް ކްލާސްރޫމްގެ މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ނަމޫނާއެއް އުރީދޫއިން ވަނީ ދައްކާލާފައެވެ.