ޖަލަކީ މީހަކަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ ކަމަށާ އެއީ ފަރުވާއަށް ފޮނުވޭ ތަނެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅު ވެއްޖެއެވެ.

އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް މާފުށީ ޖަލުގައި ލޯންޗު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، މީހަކަށް ކުށެއް ނުވަތަ ގޯހެއް ހެދުނީތީވެ އެކަން މަތީގަ ދެމިހުންނަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މިއަދު، ޖަލަކީ އަލުން އަނބުރާ މުޖުތަމައަށް ނުކުތުމަށްޓަކާ ބޭނުންކުރާ ފުރުސަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކެނީ މިއަދު ޖަލުގަ އެކި ކަންތައްތަކާ ގުޅިގެން ތިބެންޖެހޭ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި އެއީ އަލުން އަނބުރާ މުޖުތަމައުއަށް ނިކުތުމަށް ޓަކާ ބޭނުންކުރެވިދާނެ ފުރުސަތެއް ކަމަށް" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިއިން ކޮންމެ ކަމަކުން ވެސް ދައްކުވައި މިދެނީ ސަރުކާރު ގެ ސިޔާސަތު ކަމުގައެވެ. އަދި ހާއްސަކޮށް ތައުލީމީ ކަންތައްތައް ތަކަށް ސަރުކާރުން ދޭ އަހަންމިއްޔަތު މިކަމުން އެނގިގެން ދާކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ފާހަގަ ކުރެއްވި ގޮތުގައި އަދުގެ ސަރުކާރާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ އިސްކަމެއް ދެއްވަނީ، ތައުލީމީ ނިޒާމު ވަރުގަދަކޮށް ތައުލީމީ ޖީލެއް އުފެއްދުމުގެ ބުރަ މަސައްކަތަށެވެ. އަދި ދިވެހި ކޮންމެ ފަރުދަކީ ވެސް މުޖުތަމައަށް ފައިދާ ކުރަނިވި، އާއިލާއާ އެކުގައި ތަނަވަސަކަމާ ހިތްހަމަ ޖެހުމާއެކު އުޅެވޭ ބަޔަކަށް ހެދުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

އުރީދޫ ސްމާޓް ކެމްޕަސް ކުލާސްރޫމްގެ މަސައްކަތް މާފުށީ ޖަލުގައި މިއަދު ފަށާފައި ވާތީ އެކަމަށްޓަކާ، ހޯމް މިނިސްޓްރީއަށާ، އުރީދޫ މޯލްޑިވްސްއަށާ، ކަރެކްޝަންސްގެ އިތުރުން އެކަމުގައި އެހީތެރިވެދިން ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް، މިއަދުގެ ރަސްމިއްޔާތުގައި ފައިސަލް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފައިސަލްގެ އަރިހުގައި، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ބައިވެރިވެ ވަޑައިގަންނެވިއެވެ.