ޗައިނާގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ޝީންޖިއާންގް ސަރަހައްދު ބަލައިލުމަށް ޗައިނާގެ ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އެމެރިކާއިން ބުނެފިއެވެ.

ޝީންޖިއާންގް ސަރަހައްދުގައި ހިންގާ ކޭމްޕުތަކުގައި އެތައް މުސްލިމުންނެއް ގައިދުކޮށްގެން ގެންގުޅޭ މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިފައި ވާއިރު، މި ސަރަހައްދަށް ދަތުރުކުރުމުގެ ފުރުސަތު މީޑިއާއަށްވެސް ނުލިބެއެވެ. ނަމަވެސް ޗައިނާ ސަރުކާރުން މިހާރު ދަނީ އެ ސަރަހައްދުގެ "ޓުއާ" ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުގެ ޕްރޮޕަގަންޑާ ފެތުރުމަށް ކުރިއަށްގެންދާ ޝީންޖިއާންގް ޓުއާގައި ބައިވެރިވުމާ ޗައިނާގެ ސަރުކާރުން "ކުޅެފައިވާ" ފޮޓޯތަކުން ކުރާނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށް މީޑިއާގައި ނަންހާމަ ނުކުރުމަށް އެދި ބައިނަލްއަގުވާމީ މީޑިއާއާއި ވާހަކަދެއްކެވި އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ހާރިޖިއްޔާއިން ބުނީ، ބޭޖިންގްގައި ތިއްބަވާ ވިލާތުގެ ޑިޕްލޮމެޓުންނަށް އަމާޒުކުރައްވައިގެން ޝީންޖިއާންގްގެ ޓުއާއެއް ރާވަމުންގެންދާކަމަށެވެ. ނަމަވެސް ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި ދައުރުވެފައިވަނީ ނުރަސްމީ ދައުވަތުތަކެކެވެ.

ޗައިނާއިންވަނީ ނޫސްވެރިންނަށް އަމާޒުކޮށްގެން މިފަދަ ދަތުރެއް މިއަހަރުގެ ކުރީކޮޅުވެސް ހިންގާފައެވެ.

ޗައިނާއިން ބުނާ ގޮތުގައި ޝީންޖިއާންގްގައި ކުރިއަށްދަނީ ހުނަރާ މަސައްކަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކެކެވެ. ނަމަވެސް ޗައިނާއިންވަނީ މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅަށް ވަރުގަދަ ސިޔާސަތުތަކެއް އެކުލަވާފައެވެ. އެގޮތުން އިސްލާމް ދީނުގެ ރުކުންތަކާއި، ފަރުޟާ ވާޖިބު އަދި ސުންނަތްތައް އަދާކުރުމަށްވެސް ޗައިނާގެ ގާނޫނުން ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.