އެންމެ 7 މަހުގެ ތުއްތު ދަރިފުޅު އަތްދަނޑިމައްޗަށް ލައިގެން މަޔަކު ދުވެފައި ގޮސް ހޮސްޕިޓަލަށްވަދެ، ކުޑަކުދިންގެ ވޯޑާ ދިމާލަށް މިސްރާބު ޖަހަނީއެވެ. އެއީ ޕާކިސްތާނުގެ އެކަހެރި އަވަށެއްގެ ހޮސްޕިޓަލެއްގެ ތެރެއިން ފެންނަމުންދިޔަ މަންޒަރެކެވެ. އެ މަންމަގެ އަތުގައި އޮތް ކުއްޖާއަކީ، ވިހާ ތަނުން އާންމުކޮށް ފެންނަ "ކިނދު ނުފިލުވާ" އޮންނަ ތުއްތު ކުއްޖަކަށްވުރެވެސް ހަށިގަނޑު ނިކަމެތި ކުއްޖެކެވެ.

ކާބޯތަކެތި ދަތިކަމެއް ނެތް ޕާކިސްތާނުގައި އެ ތުއްތު ދަރިފުޅު އޮތީ ބަނޑަށް ޖެހިފައެވެ. ޅައުމުރުގައި މަރުވާ ތުއްތު ކުދިންގެ އަދަދު އެންމެ ގިނަ އެއްގައުމަށް އުފަންވި އެ ތުއްތުކުއްޖާގެ އަމިއްލަ ވަޒަނަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން ގިނަ ބަޔަކު މަހުރޫމުވެފައިވާ ވަޒަނެކެވެ.

އެ މަންމަގެ އަތްދަނޑިމަތީގައި އޮތް ދަރިފުޅުގެ ބަރުދަނުގައި އެންމެ އެންމެ 2.5 ކިލޯގްރާމްއެވެ. އެއުމުރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ 3 ގުނަ ލުޔެވެ.

ދުވާލެއްގެ މައްޗަށް ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު 1 ޑޮލަރަށްވެސް ނާރާ ސިންދް ޕްރޮވިންސްގެ މިތީ ހޮސްޕިޓަލަށް މިއީ އާ ކަމެއް ނޫނެވެ.

ހޮސްޕިޓަލުގެ ކުޑަކުދިންނާ ބެހޭ ޑިޕާޓްމަންޓްގެ އިސް ޕީޑްރިއަޓިކް ޑޮކްޓަރު ދިލީޕް ކުމާރު ވިދާޅުވީ، ދުވާލެއްގެ މައްޗަށް ޑޮކްޓަރަށް ދައްކަން އަންނަ 150-200 އެއްހާ ޕޭޝަންޓުންގެ ތެރެއިން ފަސްބައިކުޅަ އެއްބައި ބަލިމީހުންނަކީ، މެލްނިއުޓްރިޝަންގެ ތަކުލީފު އުފައްލަންޖެހިފައިވާ ޕޭޝަންޓުންނެވެ.

ޕާކިސްތާނުގެ ހޮސްޕިޓަލުގައި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ/ފޮޓޯ: ޔޫޓިއުބް

ވޯޑު ތެރެއަށް ބަލާލުމުން މިކަމަށް ހެކިދިއެވެ. ބިއްލޫރި އިންކިއުބޭޓަރުތަކުގައި ރޯލާ ރޯލާ ތިބީވެސް ހަމަ އެފަދަ ކުދިންނެވެ.

"ދަރިފުޅުގެ ބަރުދަން ދަނީ ލުއިވަމުން. ޑޮކްޓަރަށް ދައްކައިގެން އެއްވެސް ކަމެއް ނުވޭ"! އުމުރުން އެންމެ 25 އަހަރުގެ މައެއް ކަމަށްވާ ނަޒާރީން އޭނާގެ ތުއްތު ދަރިފުޅުގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

އިންތިހާއަށް ގޮސްފައިވާ ބަނޑުހައިހޫނުކަމާ ފަގީރުކަމާއި ދެކޮޅަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ފުޑް ޕޮލިސީ އެންޑް ރިސާޗް އިންސްޓިޓިއުޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕާކިސްތާނުގެ 200 މިލިއަން މީހުންގެ ތެރެއިން ކޮންމެ 5 މީހަކުން 1 އަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މަހްރޫމުވެފައިވާ މީހެކެވެ.

ކަންމިހެން އޮތްނަމަވެސް ޕާކިސްތާނަކީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ގައުމެއް ނޫނެވެ. އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ލަފާކުރާ ގޮތުގައި 2018 ވަނަ އަހަރުގެ މެއި މަހާ 2019 އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޕާކިސްތާނުން 500000 ޓަނުގެ ގޮދަން އެކްސްޕޯޓްކުރާނެއެވެ. ޕާކިސްތަނަކީ އަލުވިވެސް އިންތިހާއާށް ތިޔާގި ގައުމެކެވެ.

ގައުމުގައި ކިތަންމެ ބައިވަރު ކާބޯތަކެއްޗެއް ހުރި ނަމަވެސް އާންމު ރައްޔިތުންނަށް އެ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. ކުރިމަތިވެފައި އޮންނަ އެންމެ ބޮޑު ހުރަހަކީ، ކާބޯތަކެތި ގަންނާނެ މާލީ ތަނަވަސްކަން ނެތުމެވެ. ކާބޯތަކެތީގެ މުއްސަނދިކަން ގައުމަށް ލިބިފައިވީނަމަވެސް އެގަންނާނެ ލާރިފޮއްޗެއް ނިކަމެތި މީހާގެ އަތުގައި ނެތުމެވެ. މިކަމާ ގުޅިފައިވާ އެތައް މައްސަލައެއް ދިރާސާގެ އަލީގައިވަނީ ފާހަގަކުރެވިފައެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ޕާކިސްތާނުގައި ކާބޯތަކެތި ލިބުން އާންމު މީހާއަށް ދަތިވާ އިތުރު ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އެކަށީގެންވާ ބޯފެނާ ނަރުދަމާގެ ހިދުމަތް ނެތުމުގެ ސަބަބުން ޖިސްމާނީ ގޮތުން ހަށިގަނޑު ބަލިވެ، މަސައްކަތްކުރެވޭ ގޮތް ނުވުމާ، އެކަށީގެންވާ ސިއްހީ އަދި ތައުލީމީ ނިޒާމެއް ގާއިމުވެފައި ނެތުމުން ދުޅަހެޔޮ ސިއްހަތާއި ފައިދާހުރި ކާނާއާއި ބެހޭ މައުލޫމާތު ލިބިފައި ނެތުން ފަދަ ނުސީދާ މައްސަލަތަކެއްވެސް މިކަމުގެ ސަބަބުތަކުގެ ތެރެއަށް ވަދެއެވެ.

މީގެ އިތުރުން ޅައުމުރުގައި ގިނައިން ވިހެއުމަކީވެސް ޕާކިސްތާނަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ތުއްތު ދަރިފުޅަށް ގާތުން ކިރުދޭ މައި މީހާ އިންނަނީ އިތުރު ދަރިއަކަށް ބަލިވެއެވެ. މިކަމަކީވެސް ތިން މައިންގެ ހަށިގަނޑަށް ބޭނުންވާ މާއްދާތަކަށް އެޅޭ ހުރަހެކެވެ. ބައެއް މައިން ބުނާ ގޮތުގައި އަލަށް ވިހާ ތުއްދު ދަރިފުޅަށް ކަޅުސައިދޭންވެސް މަޖުބޫރުވާ ފަހަރު އާދެއެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވިހާތާ 6 މަސްވަންދެން ޕާކިސްތާނުގައި ގާތުން ކިރުދެވެނީ އެންމެ %38 ކުދިންނަށެވެ.

އެފަދަ ހާލެއްގައި ބޮޑުވެގެން އަންނަ ކުއްޖަކު ޅަ އުމުރުގައި ބަލިވެ އިނުމުގެ ސަބަބުން އެކުއްޖާއަށްވެސް ލިބެނީ ހަށިގަނޑު އަނަރޫފަ، ސިއްހީ ގޮތުން ހަށިހެޔޮ ނޫން ދަރިއަކަށްވާއިރު، މިކަމަކީ ނިމުމެއް ނެތް ބުރެއްގެ ތެރޭގައި އޮތް މައްސަލައަކަށް ވަނީ ވެފައެވެ.