މަޖިލީހަށް ހޮވަން ބޭނުންފުޅު ވެލައްވަނީ އެޖެންޑާ 19 އަށް ވޯޓުދޭ މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ށ.ފޯކައިދޫގައި އޮތް ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 'އެޖެންޑާ 19' އަކީ ސަރުކާރުން ރާއްޖެއާ ދޭތެރޭ ކުރާ ބޮޑު އުންމީދު ކަމަށެވެ. އަދި އެޖެންޑާ 19 ހަގީގަތަކަށް ހެދުމަށް ގާނޫނީ ބާރު ބޭނުން ވާކަމަށާ، އެކަމަށް މަސައްކަތް ކުރާނެ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅު ވިއެވެ.

"އެޖެންޑާ 19 އަކީ އަޅުގަނޑުމެން ރާއްޖެއާ ދޭތެރޭ މިކުރާ ބޮޑު އުންމީދު، އެ އުންމީދުގަ ކުލަޖެއްސުމަށް ގާނޫނީ ބާރު ވެރިކަން އަޅުގަނޑުމެން އެބަ ބޭނުންވޭ. އެކަމަށް މަސައްކަތް ކުރާނެ އެކަމަށް ތާއީދު ކުރާނެ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި އެބަ ތިބެން ޖެހޭ" ރައީސް ވިދާޅު ވިއެވެ.

ރައީސް ވިދާޅުވީ 17 ވަނަ މަޖިލީހުގައި މަސައްކަތްޕުޅު ކުރެއްވީ ވަރަށް އުނދަގުލާ އެކުގައި ކަމަށެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި ނުވި ނަމަވެސް ބުރަ މަސައްކަތާ ހިތްވަރާ އެކު، އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ތާއީދުކޮށް އެހީތެރިވެ ދިނުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމެއް ތަރައްގީ ވެވޭނީ ރައްޔިތުންނަށް މިނިވަން ކަމާއެކު ސިޔާސީ ހަރަކާތުގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައިދެވިގެން ކަމަށެވެ. އަދި ވައްކަމާ ކޮރަޕްޝަން ރާއްޖެއިން ނައްތާލައި ދަރީންނަށް ރަނގަޅު ތައުލީމެއް ދީ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ވެސް ތަރައްގީ އަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ އެކަން ކަމުގެ ތަފްސީލުތައް ބަޔާން ކޮށްފައި އޮތީ 'އެޖެންޑާ19' ގައި ކަމަށެވެ.