ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ތަކާ ހިޔާނާތުގެ މައްސަލަ ތަކުގައި މަޖިލީސް މެންބަރުންގެ މަސްލަހަތު ހިމެނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވ.ފެލިދޫގައި މިއަދު އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅު ތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަ ފުޅަކީ، މަރު ވެފައިވާ މީހުންނާ ގޮތް ނޭނގި ގެއްލުވާލައިފައިވާ މީހުންގެ ހަގީގަތް ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ. އަދި ދައުލަތުން ކޮށްފައިވާ ވައްކަމާ ގެއްލިފައި ވާ ފައިސާއާއި ސަރުކާރުގެ ކަންކަމަށް އިހުމާލު ވެފައިވާ މީހުންގެ ކަންކަން ހޯދުން ކަމަށެވެ.
ރައީސް ސޯލިހުގެ ވައުދުފުޅު ފުއްދެވުމަށް ބޭނުންފުޅުވާ، ބިލު މަޖިލީހަށް ހުށައެޅުނު ކަމަށާ، އެމްޑީޕީގެ މެންބަރުން ފިޔަވާ އެ ބިލު ތަކަށް ވޯޓު ދޭނެ އެއްވެސް ބަޔަކު ނުލިބުނު ކަމަށް ނަޝީދު މިއަދު ވިދާޅު ވިއެވެ.
"މިދެކަމަށް (ގެއްލިފައިވާ ފައިސާއާ، ގޮތްނޭނގޭ މަރުތަކާ ގެއްލުވާލައިފައިވާ މީހުން ހޯދުމަށް) ބޭނުންވާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އެނގިވަޑައިގަންނަވާނެ ފަދައިން، ވީ ގޮތަކީ އެއްވެސް މީހަކު އެމްޑީޕީގެ މެންބަރުން ފިޔަވާ އެހެން އެއްވެސް ބަޔަކު އަޅުގަނޑުމެންނަކަށެއް ނުލިބުނު އެ ބިލު ތަކަށް ވޯޓު ދޭނެ. އެބިލު ތަކަށް އަޅުގަނޑު މެނަށް ވޯޓު ދޭން ނުލިބެނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ބޭފުޅުންގެ މަޖިލިސް މެންބަރުން ގެ މަސްލަހަތު އެ ބިލު ތަކުގައި ހިމެނޭތީ" ނަޝީދު ވިދާޅުވިއެވެ.
އެ ގޮތުން މަޖިލީހުގައި، ގުޅިފައިވާ ޕާޓީތަކުން ސާފުކޮށް 60 ވޯޓު ނެގޭނެ ކަމަށް ވެސް ނަޝީދު ވިދާޅު ވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އިދިކޮޅު ޕީޕީއެމާ ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް މިހާރު ވަނީ ނިންމާފައެވެ.