ނިކަމެތި މީހާއަށް ވުރެ ތަނަވަސް މީހާ ފާފަ ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅު ވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ، މަޖިލީހަށް ހޮވަން ޖެހޭނީ ފައިސާ ހުރި ތަނަވަސް މީހުން ކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް އިއްޔެ ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނިޒާރު މިއަދު ވިދާޅުވީ، ކޮރަޕްޓު ވުމުގެ ފުރުސަތު ބޮޑީ ވެސް މިލިއަނަރުން ކަމުގައެވެ.

ނިޒާރު މިހެން ވިދާޅުވެފައި ވާއިރު ގާސިމް އިއްޔެ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންވީ ތަނަވަސް ބޭފުޅުން ކަމަށާއި ރިޝްވަތަށް ނުހެއްލޭނީ އޭރުން ކަމަށެވެ. އަދި އަމިއްލަ އެއްވެސް ޒިންމާއެއް ނެތް މީހަކު މަޖިލީހަށް ހޮވުމުން އަމިއްލަ ޖީބު ފުރުން ނޫން ކަމެއް ނުކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ޖޭޕީން މަޖިލީހަށް ކުރިމަތިލާފައި ވަނީ ގާބިލު ފުދުންތެރި މީހުން ކަމަށެވެ. އަދި ގައުމަށްޓަކައި ހިދުމަތް ކުރަން ހަވާލު ކުރަން ޖެހޭނީ ގިނަ ޒިންމާތަކެއް އުފުލަން ޖެހިފައިވާ، ގިނަ މަސްއޫލިއްޔަތަކެއް އަދާކުރާ ގިނަ ކަންތައްތަކެއް ބަލަހައްޓަން ޖެހިފައިވާ މީހަކު ކަމަށާއި، އުނދަގޫތަކާއި ރަނގަޅު ކަންތައްތަކާއި ހެޔޮކަންތައްތަކާއި ނުބައި ކަންތައްތައް ހުރި މިންވަރު އެނގޭނީ އޭނާއަށް ކަމަށެވެ.