މާލޭގައި ދޫނި ގެންގުޅޭ ފަރާތްތަކަށް މާލޭގެ ޕާކު ތަކުގައި އެތަކެތި އުދުއްސާ ހެދުމުގެ އިންތިޒާމު، 'އެޖެންޑާ 19' އިން ހަމަޖެހިގެން ދާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ބައިގާ އޮތީ 'ގޮއިފާލައްބަ ތަކާ ވިލުފަޅުތައް އާލާކޮށް ދެމެހެއްޓުން' ކަން ހާމަ ވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭގެ ޕާކުތަކުގައި ދޫނި އުދުއްސާ ހެދުމުގެ އިންތިޒާމުތަކެއް 'އެޖެންޑާ 19' ގެ 4.2 ގެ ދަށުން ހަމަޖައްސައި ދެވޭނެ ކަމަށެވެ. އެހެން ނަމަވެސް 'އެޖެންޑާ 19' ގެ 4.2 ގައި ހިމަނާފައި ވަނީ ގޮއިފާލައްބަ ތަކާ ވިލުފަޅުތައް އާލާކޮށް ދެމެހެއްޓުމާ ބެހޭ ކަންކަމެވެ.

މިގޮތުން 'އެޖެންޑާ 19' ގެ މާއްދާ ހަތަރެއް ކަމަށް ވާ 'ޖަޒީރާ ދިރިއުޅުމުގެ' ދެވަނަ ބައިގައި ތަފާތު ފަސް ކެޓަގަރީ އެއް ހިމަނާފައި ވެއެވެ. އެއީ، 'ގުދުރަތީ ރިޒާވް'، 'ދިރުންތަކުގެ ދަފްތަރު'، 'ދިރުވާ އާލާކުރުން'، 'ފެންހިފޭ ތަރައްގީ' ގެ އިތުރުން 'ގްރީން ފަންޑު' ގެ ބައެވެ.

'އެޖެންޑާ 19' ގެ 'ގުދުރަތީ ރިޒާވް' ކެޓެގަރީގެ ދަށުގައި ހިމަނާފައިވަނީ ކޮންމެ އަތޮޅެއްގެ ވެސް 40 އިންސައްތަ ގުދުރަތީ ރިޒާވްގެ ގޮތުގައި ހަމަޖައްސަން ޖެހޭނެ ވާހަކައެވެ. އަދި އެގޮތަށް ކަނޑައެޅޭ ތަންތަނުގެ ގުދުރަތީ ޒާތަށް ބަދަލެއް އަންނަ ފަދަ ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެބައިގައި ބުނެފައި ވެއެވެ.

އަދި 'ދިރުން ތަކުގެ ދަފްތަރު' ކެޓެގަރީގައި ވަނީ، ކަނޑާއި ފަރާއި ފަޅާއި ކުޅިއާއި ޗަސްބިމާއި އެއްގަމުގައިވާ ދިރުންތައް ހޯދައި ބަލައި ދިރާސާކޮށް ދެނެގަނެ އެ ދިރުންތަކުގެ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަމުން އާންމު ކުރަމުން ގެންދަންވާނެ ކަމަށެވެ. މީގެ އިތުރުރުން، ،ދިރުވާ އާލާ ކުރުން' ކެޓެގަރީގައި ވަނީ، ދަނޑުވެރި ކަމަށް ދޫކުރާ ބިންތަކުގެ އިތުރަށް މުރަކަފަދަ ކަނޑުއަޑީގެ ދިރުންތައް އާލާ ކުރުމަށް ބިން ދޫކުރުމުގެ ވާހަކައެވެ.

4.2 ގެ 'ފެންހިފޭ ތަރައްގީ' ކެޓެގަރީގައި ވަނީ ބިންހިއްކުމާ ބެހޭ ގޮތުން ހަދާނެ ގަވައިދު ތަކެވެ. އަދި 'ގްރީން ފަންޑު'ގެ ބައިގާ ހިމަނާފައި ވަނީ، ގްރީން ޓެކުހުގެ ވާހަކައެވެ.

އެހެންކަމުން ނަޝީދު އެ ވިދާޅުވާ، ދޫނި އުދުއްސާ ފަރާތްތަކާ ގުޅުން ހުރި މާއްދާ އޮތީ 'އެޖެންޑާ 19' ގެ ކޮން ހިސާބެއްގައިތޯ ސުވާލު އުފެދެއެވެ. އަދި އެޖެންޑާ 19 އަށް އެބައި އިތުރު ކުރަނީތޯވެސް ސުވާލު އުފެދެއެވެ.