ފައިނަލް ވޯޓާސް ލިސްޓުގައި މިހާރު ސޮއި ކުރަން ފަށާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ބުނެފެފިއެވެ.

އަދި މާދަމާއިން ފެށިގެން ވޯޓާސް ލިސްޓު ތަކުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނަޑައަޅާ ފަރާތްތަކަށް ވެސް ސޮއި ކުރެވޭނެ ކަމަށް އީސީން މައުލޫމާތު ދެއެވެ.

އީސީން މައުލޫމާތުދޭ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއި ކުރުން އޮންނާނީ މި ފެށޭ ހަފްތާގެ އާދީއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 8:30 އިިން ފެށިގެން ރޭގަނޑު 22:30 އަށެވެ. އަދި އަންގާރަ ދުވަހު، ލިސްޓުގައި ސޮއި ކުރުން އޮންނާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށެވެ.

ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އީސީގެ އިންތިހާބާ ބެހޭ މަރުކަޒުގެ ޓްރެއިނިން ހޯލުގައި ކަމަށް އީސީން ބުނެއެވެ.

އީސީއިން މީގެ ކުރިން ވަނީ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުމާބެހޭ ގަވާއިދުތައް އާންމު ކޮށްފައެވެ.

ވޯޓާސް ލިސްޓުގެ އާންމު ގަވައިދުގާ ވާގޮތުން، ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ދާ ނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު، ކެންޑިޑޭޓުގެ އައިޑީ ކާޑުގެ ކޮޕީ ގެންދަންޖެހެއެވެ. އަދި ސިޔާސީ ޕާޓީއަކުން ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރާ ފަރާތް ސޮއިކުރަން ދާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންދަން ޖެހެއެވެ. މީގެ އިތުރުން ރަޖިސްޓަރީގައި ސޮއިކުރަން ދާ ފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ގެންދަން ޖެހެއެވެ.