ފުލުހުންނާ ބެހޭ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ލިބިފައި އޮތް ބާރުތައް ކުރީ ސަރުކާރުގައި ނަގައިފައި ވަނިކޮށް، އެ ބާރުތައް އަނބުރާ ހޯމް މިނިސްޓަރަށް ދެއްވައިފި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ށ.ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނެވެ. ރައީސް ވިދާޅުވީ ހޯމް މިނިސްޓަރަށް ލިބިވަޑައިގަންނަވަން ޖެހޭ ބާރުތައް ދޫކުރަން ސޮއި ކުރަން ޖެހޭ ލިޔުންތަކުގައި ބުރާސްފަތި ދުވަހު ސޮއި ކުރައްވައި އެކަން ނިންމަވާފައި ވާނެކަމަށެވެ.

ކުރީގެ ސަރުކާރުގައި ނަގާފައިވާ ހުރިހާ ބާރެއް މިހާރު ވާނީ އަނބުރާ ދެއްވާފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އޭގެތެރޭގައި އަސާސީ ހައްގުތަކާއި މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަން ކަމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ހިމެނެއެވެ. މީގެ އިތުރުން މި ހައްގުތައް ހިފެހެއްޓުމަށް ހެދިފައިވާ ހުރިހާ ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މިހާރު ބާތިލް ވެފައިވާނެކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ގެ ވާހަކަފުޅުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ކޮށްފައިވާ ބައެއް ކަންތައްތަކަށް އަލިއަޅުއްވާ ލެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ތިބެގެން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭ ގޮތް ހުޅުވައިލުމާއި، އިންޓަރެސްޓް ކުޑަކޮށް ސްޓޫޑަންޓް ލޯން ލިބޭ ގޮތް ހެދުމުގެ އިތުރުން ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހާރިޖީ ސިޔާސަތަށް މިސަރުކާރުން ގެނައި ބޮޑު ބަދަލާއި އެކު، ދުނިޔޭގެ އާއިލާގެ ތެރެއަށް ރާއްޖެ މިހާރު ވަދެފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެ އަކީ ބައިނަލްއަގްވާމީ ޖަމާއަތްތަކުގައި ބަސްކިޔާ، އެންމެނާ އެކު އުޅެން ދަންނަ ބައެއްކަން މިހާރު ދުނިޔޭން ގަބޫލު ކުރަން ފަށައިފި ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ އޭގެ ސަބަބުން ރާއްޖެއަށް ލިބޭ އެހީ ތަކާއި، އެކި ގޮތް ގޮތުން ލިބޭ ވަސީލަތްތައް މިހާރު ވަނީ އިތުރު ވެފައި ކަމަށެވެ.