ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ވިސާ ނުލާ އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ތައިލެންޑްގައި ދިވެހިންނަށް 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލާ ތިބެވޭނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކަށް ވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ދެވޭނެ ގޮތް ފަހިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ބޭރުގެ އެކިއެކި ގައުުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ގެންދާ ކަމަށެވެ.
ތައިލެންޑަށް 30 ދުވަސް ވަންދެން ވިސާއާއި ނުލާ އެތެރެވެވޭނެގޮތަށް ހަމަޖެހުނު އިރު، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި އެގްރީމަންޓަށް ދެ ގައުމުން ވަނީ އަމަލުކުރަން ފަށާފައެވެ.
މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދެގައުމު ދޭތެރޭ ދަތުރު ކުރެވޭނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރިއާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރައްވާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.