އަންނަ ހަފްތާ ތެރޭ މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ލިބޭގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ހޯދައިދިނުމަށް ކުރަން ޖެހޭ ކަންތައްތައް ފާއިތުވި ދުވަސްތަކުގައި ކުރިއަށް ގެންދެވި ކަމަށާއި ނަމަވެސް، އެކަން ކާމިޔާބު ނުކުރެވުނީ އެސްޓިމޭޓް ކުރި ވަރަށް ވުރެ ގިނައިން މި ދުވަސް ކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްބާނަމުން ދާތީ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ލުއި ފަސޭހަ ކުރުމަށް ޑީސެލްގެ ޑިއުޓީ ދަށް ކުރެވިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ބާނާ މަހަށް ވަގުތުން ފައިސާ ދޭން ބެލިއިރު އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ހަފްތާ އަކު ހަ މިލިއަން ރުފިޔާ އެބަ ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ މި ސަރުކާރުން ވެރިކަމަށް އައިފަހުން މިވީ ކުޑަ ދުވަސް ކޮޅު ކުރެވުނު ބައެއް ކަންތައްތައް ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތް ހަދައި ދިނުމާއި ތައުލީމީ ނިޒާމަށް ބޭނުންވާ ބޮޑެތި ބަދަލުތަކެއް ގެނައުން އަދި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުން ހިމެނެއެވެ. މީގެ އިތުރުން، ސްޓޫޑެންޓް ލޯން ލިބޭ ގޮތް ހެދުމާއި، އޭގެ އިންޓްރެސްޓް ކުޑަކުރުމުގެ އިތުރުން އެ ލޯން ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް ދިގު ކުރެވިގެން ދިޔަކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލީ ވަކި ރަށެއް، ވަކި އަތޮޅެއް ނުވަތަ ވަކި ޕާޓީއެއް ތަފާތު ކުރުމެއް ނެތި، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަމުންނެވެ.