މިފްކޯއާއި ތައިލޭންޑުގައި ރަޖިސްޓާ ކޮށްފައި އޮތް ކުންފުންޏަކާ ޖޮއިންޓްވެންޗާ ހަދައިގެން މަސް ބޭރުކުރަން ހިންގާފައި އޮތް ވިޔަފާރިއަކުން މާލީ ބޮޑެތި ގެއްލުންތަކެއް ވެފައި އެބަހުރި ކަމަށް މިފްކޯއިން ބުނެފިއެވެ. މިހާރު އުވާލުމުގެ މަސައްކަތް ކުރަމުން ދާއިރު މިކުންފުންޏަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިސް ބޭފުޅެއްގެ ބޮޑު ޝާމިލުވުމެއް އޮތް ކުންފުންޏެވެ.
މިފްކޯއާއި އެއްކޮށް ޖޮއިންޓްވެއްޗާ ހެދި ކުންފުންޏަކީ މޯލްޑިވްސް މެރައިން ޕްރޮޑަކްޓްސް (އެމްއެމްޕީ) ކިޔާ ކުންފުންޏެވެ. މި ކުންފުނީގެ އޮފީސްތައް ތައިލޭންޑްގެ އިތުރުން ޗައިނާ، ހޮންގްކޮންގް އަދި އެމެރިކާގައި އެބަ ހުއްޓެވެ.
ކުންފުނީގެ ވެބްސައިޓުން އެނގެން އޮތް ގޮތުގައި މިކުންފުންޏަކީ 2011 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެވެ. ކުންފުނި އުފެއްދުމުގެ އެއްބަސް ވުމުގައި ވާގޮތުން އެ ކުންފުންނަށް ދިވެހި ސަރުކާރުން ދާއިމީ ގޮތެއްގައި މަސް ފޯރުކޮށްދޭން ޖެހެއެވެ. އަދި އައިސް ހެދޭނެ ނިޒާމަކާ، މުދާ އުފުލާ 2 އުޅަނދު ދޭން ޖެހެއެވެ. އޭގެ ތެރެއިން އެއް އުޅަނދަކީ ކަނޑުމަތީގައި އޮންނަ ފްރީޒިން ފެކްޓަރީ އަކަށް ވާން ޖެހެއެވެ. އަދި ރާއްޖޭގެ މިފްކޯގެ ހިންގުންވެސް އެމީހުނާ ހަވާލު ކުރަން ޖެހުމުގެ އިތުރުން ބާނާ މަހުގެ ތިން ބައިކުޅަ އެއްބައިވެސް އެމީހުންގެ ވިޔަފާރިއަށް ދޭން ޖެހެއެވެ. މީގެ އިތުރުން އާންމު ފިހާރަތަކުގައި ވިއްކާ މަހުގެ ބޮޑު ކޮންޓްރޯލެއްވެސް ދޭން ޖެހެއެވެ. އޭގެ ތެރޭގައި ތައިލޭންޑުން ރާއްޖެއަށް އެތެރެ ކޮށްގެން އެކުންފުނިން ވިއްކާ މަސްވެސް ހިމެނެއެވެ.
"މިފްކޯގެ ޖޭވީ އެބައޮތް އެމްއެމްޕީ ކިޔާތަނެއް. ތައިލެންޑް ކުންފުންޏަކާއި އެއްކޮށް މިފްކޯގެ ހިއްސާ އޮންނަ ގޮތަށް. ދެން އެއާ ގުޅިގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދަތިތަކެއް ދިމާވި. މިފްކޯ ބޯޓު ފަހަރު ޗޮއިންޓް ވެންޗާގައި ހިމަނައިގެން އިންވެސްޓްމަންޓް ކުރިއަށް ގެންދިޔައީ. އެކަމަކު އޭގެ ރިޓާން އެއް މިފްކޯ އަކަށް ނުލިބޭ. އޭގެ ބަދަލުގައި މިފްކޯ އަށް އަނެއްކާވެސް މިދިޔަ ސަރުކާރުގެ ނުފޫޒާ އެކު އިތުރު ހަރަދުތަކެއް ކުރަންޖެހުނު" ފައުޒީ ވިދާޅުވިއެވެ.
ދިވެއްސަކު އެމްޑީއަކަށް ލައިގެން އުފައްދާފައި އޮތް މިކުންފުނިން ކޮށްފައި އޮތް މުއާމަލާތްތަކުގެ ތަފްސީލު ހޯދުމަށް "ދަޕްރެސް" އިން ސުވާލު ކުރުމުން މިފްކޯގެ ސީއީއޯ ފައުޒީ ވިދާޅުވީ އެކުންފުނިން ކޮންފައި ހުރި މުއާމަލާތްތަކުގެ ތަފްސީލުތައް މުޅިން ސާފު ނުވާ ކަމަށެވެ.
"އެ ޖޭވީގައި މިފްކޯގެ ބޯޓު ފަހަރުވެސް ހިމަނާފައި ހުރީ. އެމީހުނަށް އޮފީހެއްވެސް ދީފައި. އޮފީހަށް ކުއްޔެއްވެސް ނުދައްކާ. ދެން އެ މުއާމަލާތަތްކުގެ ތަފްސީލުތައް ހޯދަން މިޖެހެނީ" އެމްއެމްޕީ ޖޭވީއާ ގުޅޭ ގޮތުން ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ އެކުންފުނި ހަދައިގެން 'ބަރޯސާ' ކިޔާ ބޯޓެއް އެ ކުންފުނީގައި ގެންގުޅު ކަމަށާ، އެބޯޓު ހާދިސާއެއްގައި އެނދުމުން އިތުރު ބާ ބޯޓެއް ގެނެސް، މަރާމާތަށާ އެތައް ކަމަކަށް ބޮޑެތި ހަރަދު މިފްކޯއިން ކޮށްފައި އެބަ ހުރި ކަމަށެވެ. އަދި ކުންފުންޏަށް ލިބުނު އާމްދަނީއެއްގެ ތަފްސީލެއް ވެސް، ކުންފުނީގެ ޑިވިޑެންޑް އަދި ހިއްސާއާއި ބެހޭ މައުލޫމާތެއް ވެސް ލިބިވަޑައި ނުގަންނަވާ ކަމަށް ފައުޒީ ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެމްޕީ ކުންފުނިން މިފްކޯ ތެރޭގައި ހެދި އޮފީހުގެ ކުލި އަދި މުވައްޒިފުންގެ ޕެންޝަން ފަންޑަން ފައިސާ ނުދައްކާތީ ޖޫރިމަނާ ވެސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފްކޯގެ 30 އިންސައްތަ ހިއްސާ އޮންނަ ގޮތަށް އުފައްދާފައި އޮތް މިކުންފުނި އުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ލޯޔަރުންނާ ހަވާލު ކުރައްވައިގެން ކުރިއަށް ގެންދަވާ ކަމަށް ފައުޒީ ވަނީ ވިދާޅުވެފައެވެ.