އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ހިސާންގެ ހުސެއިންގެ ޝަކުވާގެ ސިޓީ ރައީސް އޮފީހަށް ލީ މީހާ ގޮވައިން ދައުވާ ކުރާކަށް ނުފެނޭތޯ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސެކަޓްރީ ޖެނެރަލް އަބްދުލް އަލީމް އާދަމް އައްސަވައިފިއެވެ.

އަލީމް މިހެން ވިދާޅުވީ އިންތިހާބު މިހާ ކާރިވެފައި ވަނިކޮށް ހިސާންގެ މާ ކުރީގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރުވީ އެމްއާރްއެމްގެ ކެމްޕޭން ޓީމުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި ވާހަކަ އަށް ރައްދު ދެއްވަމުން އަލީމް ވިދާޅުވީ ހިސާންގެ ޝަކުވާތަކުގެ ސިޓީ އަކީ އެމްއާރްއެމްގެ ކެމްޕޭން ޓީމަށް އެނގިގެން ފޮނުވި ސިޓީ އެއް ނޫންކަމަށެވެ. އަދި މިވާހަކަތައް ސިޓީއެއްގެ ޒަރިއްޔާއިން ރައީސް އޮފީހަށް ފޮނުވި ފަރާތުގެ ނަމާއި އެހެނިހެން މައުލޫމާތުވެސް އާންމުވެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާންގެ ޝަކުވާގެ ސިޓީ އަކީ ކުޑަކުދިން ތަކަކަށް ލާއިންސާނީ އަނިޔާތަކެއް ކުރިކަމަށް ބުނެ ރައީސް އޮފީހަށް ފޮނުވި ސިޓީއެކެވެ. މި ސިޓީ ފޮނުވާފައިވަނީ އެމްއާރްއެމް ގެ ކެންޑިޑޭޓު އިބްރާހިމް އަފީފަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށް ހިސާންގެ ކެމްޕޭން ޓީމުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.