ގޮތް ނޭނގޭ މަރުތަކާ ގެއްލުވާލައިފައިވާ މީހުންގެ މަރުތައް ތަހުގީގު ކުރަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމުގެ މަސައްކަތްކުރި، ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން ބޭނުމެއް ނުވިކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ރިޔާސީ އިންތިހާބަށް ނުކުމެ ވަޑައިގެންނެވީ، ވައުދު ތަކަކާ އެކުގައި ކަމަށެވެ. އަދި އެ ވައުދު ތަކަކީ ގުޅިފައިވާ ޕާޓީތައް، އޭގެ މައްޗަށް ފުރިހަމަށް އެއްބަސްވެފައިވާ ވައުދު ތަކެއް ކަމަށް ނަޝީދު ވިދާޅު ވިއެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެންމެ ފާޅު ކަން ބޮޑު ގޮތެއްގާ ދައްކަމުން ދިޔަ ވާހަކަ ތަކަކީ، އިންސާފުގެ ވާހަކައާ ވައްކަން ހުއްޓުވުމުގެ ވާހަކަ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފުރަތަމަ ވެސް މަސައްކަތް ކުރެވުނީ، ގެއްލިފައި އަދި ގޮތް ނޭނގޭ ގޮތަށް މަރާލެވިފައިވާ، މީހުންގެ ހަގީގަތް ހޯދުމަށް ކޮމިޝަނެއް އުފެއްދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ވައުދަކީ އެންމެން، އިންތިހާބުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ސިޔާސީ ޕާޓީތައް އެންމެން އެކުގައި އެއްބަސް ވެފައިވާ ކަމެއް އަޅުގަނޑުމެން މިކަން ކުރުމަކީ. ޖުމްހޫރީ ޕާޓީވެސް، އަދާލަތު ޕާޓީވެސް، ރައީސް މައުމޫން ގެ ރީފޯމް މޫމަންޓް ވެސް. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުގާ، މީކީއެއް ކުރާނެ އަދި އެބޭފުޅުން ކުރަން ބޭނުންވެ ވަޑައި ގަންނަވާ ކަމެއްގެ ގޮތުގަ އެއް ނުފެނުނު" ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅުންހުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އަންނަ ގޮތެއް، ނުވިކަމަށް ނަޝީދު ރޭ ވިދާޅުވިއެވެ. އަދި އެކަމަށް ވީ ވައުދު އެބޭފުޅުން މިހާރު ހަނދާން ނެތިއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ކޮރަޕްޝަން ހުއްޓާލުމަށް ވީ ވައުދާ، ވައްކަން ތައް ހޯދުމަށް ވީ ވައުދު ފުއްދުމަށްޓަކާ، އެ މައްސަލަ ތައް ބަލަން ހެދި ކޮމިޝަން ތަކާ ބެހޭ މައްސަލަ އެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ތަނެއް މިހާތަނަށް ފެނިފާ ނުވާ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތް ތަކުގެ ތެރޭގައި މިކަން ކަން ހިމެނިފައި ނުވާކަން ވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.