ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ލިބުނު ފްލެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަތުލި ކަމަށް ރޭ ވެށިފަހި މާލެ ޕްރޮގްރާމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި އާންމުންގެ މީހަކު ބުނެފިއެވެ.

އެމީހާ ބުނިގޮތުން ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި ފެލެޓަށް ސިޓީ ލައިގެން އެމީހާގެ މަންމައަށް ތިން ކޮޓަރީގެ ފްލެޓެއް ލިބުނު ކަމަށާއި ނަމަވެސް ޖެހިގެން އައި ރައީސް ނަޝީދުގެ ދައުރުގައި އޭނާގެ މަންމައަށް ލިބުނު ފްލެޓް އަތުލާފައިވާ ކަމަށެވެ. އެގޮތުން ފްލެޓް އަތުލާފައި ވަނީ ފިރިމީހާއަށް ލިބިފައިވާ 200 އަކަފޫޓުގެ ބިން ކޮޅެއް ހުރުމުން ކަމަށާއި އަދި ގުރުއަތަކާއި ނުލާ ފްލެޓް ލިބިފައިވާތީ ކަމަށެވެ. ނަމަވެސް އޭނާ އަތުގައި އޮތް ލިޔުމަށް އިޝާރާތް ކުރަމުން އެ ލިޔުމުގައި ގުރުއަތަށް ދިޔަ ވާހަކަ އޮތް ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން އޭނާއަކީ 2016 ވަނަ އަހަރުން ފެށިގެން ޑީއާރުޕީން ޕީޕީއެމާ ހަމައަށް ސިޔާސީ ދާއިރާގެ މަސައްކަތް ކުރަމުން އައި މީހެއްކަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމުގައި ޕާޓީތެރޭގައި މަސައްކަތް ކުރި މީހެއް ކަމަށް ވާތީ ފްލެޓް ނުލިބެނީ ކަމަށެވެ.

"ވެދާނެ އަޅުގަނޑުގެ މޫނުގައި ޓެގެއް އެޅިފައި އިންނަނީ ކަމަށް އޭރު އަޅުގަނޑު މަސައްކަތް ކުރީ ޕީޕީއެމް އޮފީހުގައި ކަމަށް ވާތީ" އެމީހާ ބުންޏެވެ.

ވެށިފަހި ޕްރޮގްރުގެ ފްލެޓްތަކަށް އޭނާއާއި އޭނާގެ ހަ ދަރިން ލީމަވެސް މައުލޫމާތު ސާފުކުރަން ނުގެންދާ ކަމަށް އޭނާ ބުނެއެވެ.

އޭމީހާ ކުރި ޝަކުވާތައް އަޑުއައްސަވާ ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ތިބޭފުޅާއަށް ދިމާވެފައިވާ މައްސަލައަކީ އިންތިހާއަށް ބޭއިންސާފު ވެރި ކޮށް ދިމާވެފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑުވެސް ދެރަވާ ހާލު ތިބޭފުޅާ އަށް ދަންނަވަން އޮތް ވާހަކަ އަކީ އަޅުގަނޑުމެން މިކުރާ މަސައްކަތް މި ކުރަނީ ތި ވިދާޅުވި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް" ނަޝީދު ވިދާޅުވިއެވެ.

ޝަކުވާ ހުށެހެޅި މީހާއަށް އަމާޒުކޮށް ނަޝީދު ވިދާޅުވީ އެހެން ޕާޓީއެއްގެ ފިކުރެއްގެ ސަބަބުން ވޯޓު ނުދެއްވިޔަސް އެއީ އެއްވެސް ކަމަކުން އިސްތިސްނާވާ ސަބަބެއް ނޫން ކަމަށެވެ. އަދި މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީއަށް މައްސަލައެއް ނޫން ކަމަށާއި އެ ޕާޓީއާ ދޭތެރޭ އެހެން މީހުން އަމަލުކުރާ ގޮތް އެއީ އެޕާޓީން އެހެން މީހުންނާއި ދޭތެރޭ އަމަލުކުރާނެ ގޮތުގެ މިސާލެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެނެއް ނުމިނާނަން އެހެން މީހުން އަޅުގަނޑުމެންނަން މިނާ ނާޅިއަކުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަމުގައި ވެށިފަހި މާލެ ޕްރޮގްރާމް އިއުލާންކުރީ 2011 ވަނަ އަހަރެވެ. އެއީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި 30 ޖޫން 2011 ގެ ނިޔަލަށް ރަޖިސްޓްރީ ވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފައެވެ.