ޑރ. މުހައްމަދު އިޔާޒް އާއި ޝެއިހް އަލީ ޒައިދު އާ ބެހޭ ގޮތުން ޓްވިޓާގައި ނުރުހުމުގެ ޝުއޫރުތައް ފާޅު ކުރެއްވީ، އެ ދެބޭފުޅުން ތާކުން ތާކު ނުޖެހޭ ތުހުމަތުތައް ކުރައްވާތީ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން 'ދަޕްރެސް' އާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ޝެއިހް އަލީ ޒައިދުއާއި، ޑރ. އިޔާޒް އާ ދެބޭފުޅުން ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށް މި ސަރުކާރުން ކުރަމުން ގެންދާ "ލާދީނީ" ކަންކަމަށް، ލޯމަރުއްވައިގެން ތިއްބަވާ ކަމަށެވެ.

"މި ސަރުކާރުން ކޮންމެ ކަމެއް ކުރިއަސް (ޑރ.އިޔާޒް އާއި ޝެއިހް ޒައިދު) އަޅާނުލާ އެ ގޮތް ރަނގަޅު ކަމަށް ބަލައިގެން ތިބެނީ، އެހެން ވެގެން އެ ޝަކުވާ ކުރަން ފެއްޓީމަ، އެ މީހުން ފާޑު ފާޑުގެ ތުހުމަތުތައް، ޓްވިޓާގަ އާ ސޯޝަލް މީޑިއާގަ ހަމަ މީހުން މި ފަތުރާފަ ހުންނަ ތާކުން ތާކު ނުޖެހޭ ތުހުމަތުތައް އަޅުގަނޑު ގެ މައްޗަށް ކުރާ ހިސާބަށް ދިޔައީމަ، އެ މީހުންނާ ބެހެން މި ފެއްޓީ، ހަމަ އެންމެ އާދައިގެ މި އުޅޭ އެކްޓިވިސްޓުން ނާ ހަމައަށް އެމީހުން ތިލަވީމަ އެމީހުންނާ އެއް ވަރަށް އެކްޓިވިސްޓެއްގެ ގޮތުގަ ޖެހިލީ މި" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ޑރ. އިޔާޒުއާއި، ޝެއިހް ޒައިދު އެއީ ދީނީ އިލްމު ވެރިންގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށާ، އެއީ މުހިންމު ބޭފުޅުންނެއް ނޫން ކަމަށެވެ. އަދި އެބޭފުޅުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަން، މިނެޓެއްވެސް ނެތްކަމަށް ނިހާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑރ. އިޔާޒް 'ދަޕްރެސް' އަށް ވިދާޅުވީ، ނިހާން ނުރުހުން ފާޅުކުރައްވަން ފެއްޓެވީ، އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕުގައި ޑރ.އިޔާޒް ދެއްވި ޖަވާބެއް ކަމަށް ލިޔެފައިވާ "ފޭކް" ޕޯސްޓެއް ދައުރުވަމުން ދާތީ އެކަން ސަމާލުކަމަށް ގެންނަވާ އިއްޔެ ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން އެއީ، ނިހާން ކުރެއްވި ކަމެއް ކަމަށް މިހާރު ޝައްކުވެ ވަޑައިގަންނަވާ ކަމަށް ވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިހާރު އެބަ ޝައްކުވޭ އަނެއްކާ ނިހާން ކުރެއްވި ކަމެއްބާއޭ ނޫނީ ނިހާން އަޑީގަ ހުންނަވައިގެން ބަޔަކު ލައްވާ ކުރައްވާ ކަމެއް ބާއޭ" ޑރ.އިޔާޒް ވިދާޅުވިއެވެ.

އިއްޔެ ޑރ. އިޔާޒް ކުރެއްވި ޓްވީޓާ ގުޅިގެން، ނިހާން ވަނީ، ޑރ. އިޔާޒް އަދި ޝޭހް ޒައިދް އާ ދޭތެރޭ ނުރުހުން ފާޅު ކުރައްވާ ގިނަ އަދަދެއްގެ ޓްވީޓް ތަކެއް ކުރައްވާފައެވެ.