ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވދަކުރާ ގިނަ ކެންޑިޑޭޓުން ގާނޫނުއަސާސީއަށް އަހުލުވެރިވެފައި ނުވާކަން މަޖިލިސް ބަހުސުން އެގިވަޑައިގަންނަވާ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒް ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުފައިވަނީ ރައްޔިތުންނަށް ކޮށްދިނުމަށްޓަކައި ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ކެންޑިޑޭޓުން ވިދާޅުވުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށެވެ.

"ރައްޔިތުންނަށް ކޮށްދެއްވުމަށް ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ތިމަންބޭފުޅާ ހޮވައިފިނަމަ ކޮށްދެއްވާނެކަމަށް ވިދާޅުވުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުންފިޔަވައި ކުރެވޭ އިތުރުކަމެއް ނޫން" ފާއިޒު ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ 87 ދާއިރާއަށް މި ފަހަރު 393 ކެންޑިޑޭޓުން ވާދަ ކުރާއިރު އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފިއެވެ.

އެގޮތުން 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު 2336 މީހުންނަކީ އަލަށް ވޯޓު ލުމުގެ ހައްގު ލިބޭ މީހުންނެވެ.