ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ސަރުކާރާ އިދިކޮޅު ޕާޓީ ތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ފޮނުއްވައިފައިވާ ސިޓީއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އެކި ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މީހުން ވަކި ކުރާ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން ބާއްވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާންގެ ސިޓީގައި ފެނަކަ ކުންފުނީގައި އިދިކޮޅު ޕާޓީ ތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާކަން ފާހަގަކޮށްފައި ވެއެވެ.
ފެނަކަ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ކުއްލިގޮތަކަށް ލިޔުން ފޮނުވައި ސަސްޕަންޑް ކުރަމުންދާ ކަމުގެ ޝަކުވާތައް އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ ޖެނުއަރީ މަހުއެވެ.
ނަމަވެސް ފެނަކައިން އެކަން ދޮގުކޮށް ބުނެފައިވަނީ އެކުންފުނިން މުވައްޒަފަކު ސަސްޕެންޑްކޮށްފައި ވާނަމަ ސަސްޕެންޑްކޮށްފައި ވަނީ ހިދުމަތް ދިނުމުގައި މުވައްޒަފު އިހުމާލުވެ ކުންފުންޏަށް ގެއްލުންވެ އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލު ވެފައިވާތީ ކަމަށެވެ.