އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލަޕްމަންޓް (އޮފިޑު) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފިއެވެ.

އޮސްޓްރިއާ ވިއެނާގައި އެ ޖަމިއްޔާއިން ބޭއްވި 166 ވަނަ ގަވަނިން ބޯޑުގެ ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ، ތަރައްގީ ވަމުން އަންނަ ހަ ގައުމަށް 225 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގެ އިތުރުން މި ލޯނު ދިނުމަށް ހަމަޖެހިފައި ވަނީ ހޮންޑިއުރާސް، މަޑަގަސްކަރަ، ސޫނަމް އަދި އުޒްބެކިސްތާނަށެވެ.

އޮފިޑުން ބުނެފައިވަނީ ރާއްޖޭއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ ސަބަބުން ރަށްރަށުގައި ބަނދަރާއި، ފެނާއި ނަރުދަމާ އަދި އިގްތިސާދު ކުރިއަށް ގެންދިއުށް އެހީތެރިވެދިނުމުގެ އިތުރުން ރާއްޖޭގެ 13 ރަށެއްގައި ދިރިއުޅޭ 20،000 މީހެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށެވެ.

ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައިވާ އިރު، ހޮންޑިއުރާސަށް 20 މިިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. އަދި މަޑަގަސްކަރަށް 10 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ އިރު، ސެނެގާލަށް ދިނުމަށް ނިންމާފައިވަނީ 65 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ސޫނަމް އަށް 26 މިލިއަން ޑޮލަރު، އުޒްބަކިސްތާނަށް 54 މިލިއަން ޑޮލަރު، ބެނިން އަށް 34 މިލިއަން ޑޮލަރު، ނޭޕާލަން 45 މިލިއަން ޑޮލަރު، ޗެޑަށް 300،000 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޮފިޑުން ބުނެފައިިވަނީ މި ލޯނު ދޫކުރާނީ އެ ގައުމުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މީގެ އިތުރުން ސާފު ބޯފެނާއި އިއާދަ ކުރަނިވި ހަކަތައަށް އަދި ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރުމަށް ވެސް މި ލޯނު ބޭނުންކުރުމަށް ވަނީ ދޭން ނިންމާފައެވެ.

ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އޮފިޑުން ނިންމާފައި ވާއިރު، އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް އެހީގެ ގޮތުގައި 55.9 މިލިއަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 24.4 މިލިއަން ޑޮލަރު ދޭން ނިންމާފައި ވާކަމަށް އިންޑިއާގެ މީޑިއާތަކުގައި މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފައެވެ. މީގެ އިތުރުން އިންޑިއާ އިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ވެސް އެއްބަސްވެފައެވެ. އިންޑިއާގެ އިތުރުން އެމެރިކާ އިންވެސް ވަނީ ރާއްޖެއަށް ކްރެޑިޓް ފެސިލިޓީޒް ދޫކުރުމަށް ނިންމާފައެވެ.