މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާ ކުރާނެ މަސައްކަތެއް ނެތިގެން 10 ވަރަކަށް މިނެޓުން ނިންމާލައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފަށަން 9:00 ޖަހާއިރަށް ތާވަލުކުރި ނަމަވެސް ކޯރަމް ހަމަ ނުވެގެން ޖަލްސާ ފައްޓާފައި ވަނީ އެޖެންޑާ ކުރި ވަގުތަށް ވުރެން ބައިގަޑިއިރު ފަހުންނެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިއޮތީ އިންޑިއާ ރާއްޖެއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބައިވެރިވުމާ ގުޅޭ ގޮތުން މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ކޮމެޓީއަކަށް ފޮނުވުމެވެ.

އެ މައްސަލަ ކޮމެޓީއަށް ފޮނުއްވުމަށް ފަހު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެޖެންޑާ ކުރެވޭނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރަށްވެސް ކުރިން ހުށަހެޅި ނުނިމި ހުރި ބިލުތައް ގިނައެވެ.