ރީތީގެ ދުނިޔޭގައި ކާއްޓަކީ ކިހާ އަގުބޮޑު ޖަވާހިރެއް ކަމާމެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ގައިގެ ހަންގަނޑާއި އިސްތަށިގަނޑުގެ ޒީނަތްތެރިކަމަށްޓަކައި ކާށި ބޭނުންކޮށްގެން އެކި ބޭސްފަރުވާ އުފައްދަމުން އަންނަތާ މިހާރު ވަނީ ޒަމާންތަކެއްވެފައެވެ. ކާބަފައި ޒަމާނުއްސުރެ ބޮލުގައި ކާށިތެޔޮލާ އުޅުނު ހަނދާން އަދިވެސް ގިނަ މީހުން ހުންނާނެއެވެ. ކަށިތެލެކޭ އެއްފަދައިން، ކާށިކިރަކީވެސް އޭގެ ޒާތުގައި ފައިދާހުރި ގިނަ މާއްދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. ބޯކޮށްފެލާފައި ހުންނަ ކާށިކިރަކީ، ގެރިން ނަގާފައި ހުންނަ ކިރުގެ ބަދަލުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ކިރަކަށްވާއިރު، ކާށިކިރަކީ އޭގެ ޒާތުގައި ކިރެއް ނޫނެވެ. އެހެން ކިއާ އުޅެނީ، ގެރިން ފެލާ އެއްގޮތް ސިފަތަކެއް އެއަށް ލިބިގެންވާތީކަމުގައިވެސް ވެދާނެއެވެ.

ކާށިކިރު މުއްސަނދިވެފައިވަނީ ވިޓަމިންސްއާއި މިނަރަލުންނެވެ. ކާށިކިރުގައި އެކުލެވޭ ވިޓަމިންސްގެ މާއްދާތަކުގެ ތެރޭގައި ސީ، އީ، ބީ1، ބީ3، ބީ5 އަދި ބީ6 ހިމެނޭއިރު، މިނަރަލްސްގެ ގޮތުގައި ސެލީނިއަމް، ސޯޑިއަމް، ކެލްސިއަމް، މެގްނީޒިއަމް އަދި ފޮސްފަރަސްވެސް ކާށިކިރުގައި އެކުލެވެއެވެ. މިއީ ހަލާކުވެފައި ހުންނަ އިސްތަށިތަކަށް އޮތް ފަރުވާއެކެވެ. އަދި އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށްވެސް މިވަރެއް ނެތެވެ.

ހެއާ ކޮންޑިޝަނާ

ބަލާބެލުމަށް ތިބާގެ އިސްތަށިގަނޑަކީ ހިކިގެންގޮސް ކުލަމަރުވެފައި އޮންނަ އިސްތަށިގަނޑެއްހެއްޔެވެ؟ އެހެންކަމަށް ވަނީނަމަ ކުޑަ ބޯތައްޓަކަށް، ކާށިކިރު ބޯކޮށް ފެލާށެވެ. އެއަށްފަހު ބޮލުގައި އަޅާ ބުރުހަކުން، އެ ކާށިކިރުތައް އިސްތަށިގަނޑުގެ ތެރެއަށް ރީތިކޮށް މަސާޖުކޮށްލާށެވެ. އިސްތަށިތަކުގެ އެންމެ ބުޑުން ފެށިގެން ކޮޅާއިޖެހެންދެން ހުރިހާ އިސްތައްޓެއްގައި ކާށިކިރު ހޭކެން ވާނެއެވެ. މިގޮތަށް 15 ވަރަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެންފޮދަކުން މަޑުމަޑުން ދޮވެލާށެވެ. ކާށިކިރުގައި އެކުލެވޭ ފެޓީއެސިޑް މާއްދާއަކީ އިސްތަށިގަނޑުގެ ތެތްކަން ހިފަހައްޓާދިނުމަށް އެހީވެދޭ މާއްދާއެކެވެ.

ފަސޭހަކަމާއިއެކު ބޮލުން ގޮއްފިލުވަން ބޭނުންތަ؟

ދިގު، ބުޅި އިސްތަށިގަނޑެއް އޮންނަ މީހަކަށް ކުރިމަތިލާންޖެހޭ އެންމެ ވޭންދެނިވި އެއް ތަދަކީ ފަސޭހައިން ބޮލުގައިޖެހޭ ގޮށް ފިލުވަން އުޅެންޖެހުމުންވާ ތަދޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ބޮލުގައި ގޮށްޖެހުމުން، އިސްތަށިތައް މޫނުމައްޗަށް އަންނަ ގޮތަށް ބޯ ގުދުކޮށްލާށެވެ. އެއަށްފަހު ބޯކާށިކިރު އިސްތަށިތަކުގެ ބުޑުން ފެށިގެން ތިރިއަށް ވާގޮތަށް ހާކާށެވެ. އެއަށްފަހު އިސްތަށިގަނޑުން ގޮށް ފިލުވަން މަސައްކަތްކުރަށެވެ. ބޭނުންނަމަ ދަތްބޮޑު ފުނަލެއްވެސް ބޭނުންކުރެވިދާނެއެވެ.

އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށިއިތުރު ކުރަން ބޭނުން ނަމަ...

އިސްތަށިގަނޑު ތުނިވުމާއި، ބޮލުން އިސްތަށި ފޭބުމުކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭ ކަމަކެވެ. އާދަޔާ ހިލާފު ގިނައިން އިސްތަށިފޭބުން ކޮންޓްރޯލްކޮށް އިސްތަށީގެ އަދަދު އިތުރުކުރުމަށް އޮތް އެއް ހަލަކީވެސް ކާށިކިރެވެ. އެއް ޖޯޑު ބޯކާށިކިރުގެ ތެރެއަށް އެއްޖޯޑު ފެން އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ދެތިންތިކި ލެވޭންޑާ އޮއިލްއަޅާ އެއްކޮށްލާށެވެ. އެއަށްފަހު ބޮލުގައި ރަނގަޅަށް މި ކްރީމް މަސާޖުކޮށްލާށެވެ. މިގޮތަށް 2 ގަޑިއިރެއްހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ. މަދުވެގެން ހަފުތާއަކު 1 ފަހަރު ނަމަވެސް މި ތެރަޕީ ނަގަންވާނެއެވެ. މާ ލަސްތަކެއް ނުވެ، އަސަރުތައް ފެންނަން ފަށާނެއެވެ.

ތަފާތު އެކިކަހަލަ ކެމިކަލްތަކާއި މަސްނޫއީ މާއްދާތައް ބޭނުންކޮށް ތައްޔާރުކޮށްފައި ހުންނަ ބިއުޓީ ޕްރޮޑަކްޓްސް ބޭނުންކުރުމުގެ ބަދަލުގައި، ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން އަމިއްލައަށް ތައްޔާރުކުރާ މިފަދަ އުފެއްދުންތަކުން ހަށިގަނޑަށް ލިބޭ ފައިދާތައް ގިނަވެފައި ފުރިހަމަވާނެއެވެ.