ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ކިސަޑު ފޭބުމުގެ ހާދިސާތަކާއި ބިންހެލުމުގެ ހާދިސާއަކާ ގުޅިގެން އިންޑޮނޭޝިއާއިން މަރުވި މީހުންގެ އަދަދު 80 އަށްވުރެ މައްޗަށް އަރައިފިއެވެ.
އިންޑޮނޭޝިއާއަށް މިހާރު ކުރަމުންދާ މޫސުމީ ގަދަވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި އެގައުމުގެ އެންމެ އިރުމަތީ ޕްރޮވިންސުން މަރުވި މީހުންގެ އަދަދު 79 އަށް އަރާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކަށް ވީނުވީއެއް ނޭނގި އަދިވެސް ވަނީ ގެއްލިފައެވެ.
މީގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަގުބޫލު ލޮމްބޮކް ސަރަހައްދަށް މިދިޔަ އާދީއްތަ ދުވަހު އައި ބިންހެލުމާއި ގުޅިގެން ހިނގި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 3 އަށް އަރާފައިވާއިރު، 180 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. މީގެ އިތުރުން، އެތައް ސަތޭކަ ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައެވެ.
ވެރިރަށް ޖަކާޓާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ އޭޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ނުގުރޯހޯ ވިދާޅުވީ، ގުދުރަތީ ކާރިސާތަކުގެ އިތުރުން އިންސާނުންގެ ބައެއް އަމަލުތައް ހުރި ގޮތުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔަ ކަމަށާއި، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެނީ ހާލަތު ހުރި ގޮތުން، ކާރިސާ ހިނގި ބައެއް ސަރަހައްދުތަކަށް ރެސްކިއު ޓީމުތަކަށް އަދިވެސް ދެވިފައި ނުވުންކަން ސުޓޯޕޯ ވަނީ ފާހަގަކުރައްވާފައެވެ.
އިންޑޮނޭޝިއާއަށް ކުރިމަތިވަމުންދާ ގުދުރަތީ ކާރިސާތަކާއި ގުޅިގެން އެގައުމަށް ބޭނުންވާ އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޖަމިއްޔާއިން އޮތީ ތައްޔާރަށް ކަމަށް އދގެ އިސްވެރިޔާ އެންޓޯނިއޯ ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
ޖިއޮގްރަފީ ގޮތުން އިންޑޮނޭޝިއާ އުފެދިފައި އޮންނަނީ ގުދުރަތީ ކާރިސާތައް އާދަޔާ ހިލާފަށް ގިނައިން ކުރިމަތިވާ، "ޕެސިފިކް ރިންގް އޮފް ފަޔާ"އޭ ކިއުނު ސަރަހައްދުގައެވެ.