ގައުމީ ތަރައްގީގެ މުހިންމު ބައިވެރިން ތިބީ ގައުމީ އުފެއްދުންތެރިކަމުން ހަވާސާ ކުރެވިފައިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވި އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ، ދާނެ ދިމާއެއް ނޭނގި، ހަޔާތުގެ ހަތަރު އަނގޮޅިއަކަށް ހުއްޓިފައި ކަމަށެވެ. އަދި ގެވެހި އެތައް އަންހެނުންނެއް ތިބީ، އެމީހުންގެ މަސައްކަތްތެރިކަމުގެ ހުނަރުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައިވެސް އާމްދަނީ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް، ގައުމީ ތަރައްގީގެ ވާހަކަ ދެއްކުމުގައި މި ވީހާ ޒަމާނެއް ފާއިތުވެގެން ދިޔައީ، މުޖުތަމައުގެ މި ދެންނެވި ފަންތިތަކަށް އަޅައިލާނެ މީހަކު ނެތި. އެމީހުންގެ އަތުގައި ހިފައިގެން ކޮޅަށް ނަގައިދިނުމުގެ ސިޔާސީ ހިތްވަރާއި އަޒުމް ނެތުމުން، ގައުމީ ތަރައްގީގެ އެ މުހިންމު ބައިވެރިން ތިބީ، ގައުމީ އުފެއްދުންތެރިކަމުން ހަވާސާ ކުރެވިފައި" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެސްއެމްއީ ބޭންކުގެ ހިދުމަތާއެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެކަމަށެވެ. އަދި ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ގައުމީ އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށެވެ. އަދި ހަމައެފަދައިން މިއީ، ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ދެވޭ ވަރަށް ބޮޑު އެހީއަކަށް ވެސް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސަބަބަށްޓަކައި، އެސްއެމްއީ ލޯނުގެ ވަކި ބައެއް އަޅުގަނޑުމެން ހާއްސަކޮށްފައިވާނީ، އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. އެހެންކަމުން، އެސްއެމްއީ ލޯނަކީ، މުޅި ގައުމުގެ ތިން ބައިކުޅަ ދެބަޔަށްވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯން ސްކީމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ އޮނިގަނޑު، މާ ކުރިއްސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާގޮތަށް ކަމަށެވެ. އެހެންކަމުން އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށްވުރެ ގިނަވެ، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްގީއާއި ކުރިއެރުން ހޯދުން ދަތިވާނެ ކަމަށެވެ. އަދި އެސްއެމްއީ ބޭންކެއް އުފެއްދީ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.