މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ ކުންފުނި އުފެދުނީއްސުރެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ ސަރުކާރުގެ އެއް ކުންފުންޏެވެ. ސަބަބުތައް ގިނަ އެވެ. އޭގެ ތެރެއިން އެއް ސަބަބަކީ މިފްކޯއަކީ ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމާ ގުޅިފައި އޮތް ކުންފުންޏަކަށް ވުމެވެ. ސީދާ ދިވެހި މަސްވެރިންނާ މުއާމަލާތު ކުރަންޖެހޭ ކުންފުންޏަކަށް ވުމެވެ.

1993 ވަނަ އަހަރު ވުޖޫދުވި މި ކުންފުންޏަކީ މިއަދު މާލީ ގޮތުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކުންފުންޏެވެ. މެނޭޖްމަންޓްގެ ދޯދިޔާކަމާ އެނޫންވެސް ގިނަ ސަބަބުތައް ފަހަތުގައި ހުރުމުންނެވެ.

މިފްކޯގެ މިއަދުގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވަނީ އޭނާ ކުންފުންޏާ ހަވާލުވެވަޑައިގަތީ "އަލިފުން ޔާއަށް" ހުރި ގޮންޖެހުންތައް ދެނެވަޑައިގެން ހުންނަވައެވެ.

ތިރީގައި އެވަނީ މިފްކޯގެ މުޅި ތަސައްވުރު ބަދަލުކޮށްލެއްވުމަށް ފައުޒީ ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭގޮތުން "ދަޕްރެސް" އިން ކޮށްފައިވާ ހާއްސަ އިންޓަވިއުއެވެ.

ސ: ފައުޒީއަކީ މިފްކޯގެ "ތަނބެއް" ކަމަށް ބުނެވިދާނެ، ވަރަށް ދުވަހު ތި ދާއިރާގައި އުޅުއްވާ މިފްކޯގެ އެތެރެއާ ބޭރު އެނގިވަޑައިގަންނަވާނެ. މިފްކޯގެ މިއަދުގެ ހާލަތަކީ ކޮބާތޯ؟

ޖ: މިފްކޯއާ އަޅުގަނޑު މިހަވާލުވީ ކުންފުންޏަށް ވަރަށް ގިން ގޮން ޖެހުންތަކަކާ ކުރިމްތިވެފައި އޮށްވާ. މާލީ ގޮތުންނާ، އިދާރީ ގޮތުން. ކުންފުނީގެ ކޭޝްފްލޯ ހުރީ މިސް މެނޭޖްކޮށްފައި. ޑޮކިއުމެންޓް ނެތި ނުވަތަ ގެއްލިފައި. އެތައް މުއާ މަލާތެއް، ކުރީ ކޮންބަޔަކާކަންވެސް ނޭނގޭ ހިސާބަށް ކޮށްފައި އެބަހުރި. މިފްކޯއަކީ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ވާއިރު އަދި ވިޔަފާރި ކުންފުންޏެއް ކަމުގައި ވާއިރު ބައިވެރިވާން ނުޖެހޭ އެތައް ވިޔަފާރިއެއްގައި ބައިވެރިވެފައި އެބަހުރި. ސިޔާސީ އެކިއެކި ބޭނުމަށް ކުންފުނި ބޭނުން ކޮށްފައި ހުރުމަކީވެސް ބޮޑު ގޮން ޖެހުމެއް. މިފްކޯގެ ބެލުމުގެ ދަށުގައި ހުރި ވެސެލްތައް ނުވަތަ އެކިއެކި އިކްއިޕްމަންޓްތައް ރަނގަޅަށް މެނޭޖު ކުރެވިފައެއް ނެތް. މުވައްޒަފުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދާ މުޅިތަން އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި. ކުންފުނި އޮތީ ފުލް ސްކޭލް އޯޑިޓެއް ހަދަން ޖެހިފައި. އެހެން ނޫނީ އަޑި އެނގޭކަށް ނެތް.

ޅ. ފެލިވަރުގައި ހުންނަ ދަޅު މަސް ބަންދުކުރާ ކާރުހާނާގައި މަސައްކަތް ކުރަނީ

ސ: ފައުޒީ ހަވާލުވެވަޑައިގެންފައި އެންމެ ފުރަތަމަ ކުރެއްވީ ކޮންކަމެއްތޯ؟

ޖ: އަޅުގަނޑު ހަވާލުވީ ކުންފުނީގެ ހާލަތު ވަރަށް ރަނގަޅަށް އެނގި ހުރެ. އެންމެ ފުރަތަމަ ކުރަން ފެށި އެއްކަމަކީ ކުންފުނީގެ ތެރޭގައި އޮތް ސިޔާސީ ނުތަނަވަސްކަން ހަމައަކަށް އެޅުވުން. މިހާރު އެކަން އިރާދަކުރެއްވީތީ ވަނީ ހާސިލުވެފައި. ދެން އަމާޒު ހިފީ މިފްކޯގެ ދަށުގައި ހުރި ތަންތަނުގެ ހާލަތު ދެނެގަތުމާ އިންޓަނޭޝަނަލް މާކެޓްގައި މިފްކޯގެ ޕޯލް އެންޑް ލައިން މަހަށް އަލުން ޕްރިމިއަމް ހޯދުން. ކުރިން ޓަނަކުން 581 ޑޮލަރު ޑްރެއިން ވަމުން އައީ، މިހާރު އަޅުގަނޑު ކުރި މަސައްކަތުން އެއަދަދު 231 ޑޮލަރަށް ކުޑަ ކުރެއްވިއްޖެ.

ސ: ކުންފުނި މެނޭޖު ކުރުމުގައި މިވަގުތު އެންމެ ބޮޑަށް ދަތިވާ ކަންކަމަކީ ކޮބާތޯ؟

ޖ: މިވަގުތަށް ބަލާއިރު މަސްވެރިންގެ އަތުން އެއް އަގެއްގައި މަސްގަންނަން އޮތުމަކީ ކޭޝްފްލޯއަށް ބަލާއިރު ޗެލެންޖަކަށް ވޭ. އިންޓަނޭޝަނަލް މާކެޓްގައި މަހުގެ އަގެއް ނެތަސް ދިވެހިން އަތުން ގަންނަ މަސް މިގަންނަނީ އެއްވަރެއްގައި. އެހެން އެކަން އޮތީމައި މިހާރުވެސް ކެރިއަރަކުން ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ އެބަ ގެއްލުންވޭ. ދަތިވަނީ ކެރިއަރަށް އެޑްވާންސް ދޭ އިރު މަސްވެރިންނަށްވެސް ފައިސާ ދޭން ޖެހޭތީ. ވަރަށް ދަތީގައި މެނޭޖު ކުރަނީ. ބައެއް ފަހަރު 15، 20 ދުވަސް ނަގާ ކެރިއަރެއް ލޯޑްކޮށް ފޮނުވާލަން. އެދުވަސްތަކުގައި މަސްވެރިންގެ އަތުން މަސްގަތުމުގައި ދަތިތަކަކާ އެބަ ދިމާވޭ. އެކަމަކުވެސް އިންޓާނަލީ މެނޭޖުކޮށްގެން މިދަނީ، އަޅުގަނޑު ހަވާލުވި ފަހުން އަދި ނެތް ސަރުކާރަކުން ކޭޝްފްލޯއަށް މަސްވެރިންނަށޭ ކިޔާފަ އިންޖެކްޓްކޮށްފައެއް. މިހާރު މި ކުރާ ގޮތަކީ އެސްޓީއޯއިން ބޮރޯ ކޮށްފައި އެއަށް ސެޓްލް ކުރަނީ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ / ފޮޓޯ: ޝައުޒަން އިބްރާހީމް | ދަޕްރެސް

ސ: މިފްކޯގެ ދަށުން މިހާރު އޮޕަރޭޓް ކުރާ ސައިޓްތަކުގެ ހާލަތަކީ ކޮބާތޯ؟

ޖ: މިހާރު 4 ސައިޓެއް މިއޮތީ ދެއްތޯ. އޭގެ ތެރެއިން އައްޑޫ އޮޕްރޭޝަނަށް ގެންނަން ވެގެން އިނީޝިއަލީ 6.7 މިލިއަން ޑޮލަރުން ފެށި ޓާންކީ ޕްރޮޖެކްޓެއް. އެކަމަކު އެ ނުނިމި ދިގުލައިގެން ގޮސް ފުރަތަމަ ޕްލޭން ކުރި ދިމާލަކު ނޫން މިހާރު އެތައް ތަރައްގީ އެކުރަނީ ކީ. ހިތަދޫގައި ޕްރައިމް ލޮކޭޝަނަކުން އަޅުގަނޑުމެންގެ މުއައްޒަފުންނާ، އެކޮމަޑޭޝަނާ ފްޑާ އެއްޗެހި ދައްކާކަށް ނުޖެހޭނެ ދެއްތޯ އެތާ އެއޮޕަރޭޝަން ފެށި ނަމަ. ކޮންމެސް ސަބަބަކާ ހެދި އެކަމަކު ހުޅުމީދޫގައި އެޕްރޮޖެކްތް ފެށީ. ދެން އެތަން އޮޕްރޭޝަނަށް ގެންނަން އަނެއްކާ ކުންފުނީގެ ބަޖެޓުން ހަރަދު ކޮށްފި ޕްރޮޖެކްޓްގެ އަގަށް ވުރެ އިތުރަށް، ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ހަރަދު ކޮށްފި. އަދިވެސް އެތަން ނުއެއް ނިމޭ. ނިންމަންޏާ އަދިވެސް ބޮޑެތި ހަރަދުތަކެއް ކުރަން އެބަޖެހޭ. އެތަނަށް ވަންނަން އޮތް ޗެނަލް އަކީވެސް ވަރަށް ދިގު، ގާތްގަނޑަކަށް 1.2 މޭލު އެބަހުރި. އެ ބަނދަރު ހަދާފަ އޮތީ ރަށަށް އާންމުކޮށް ވަންނަ ފުރާ ގަނޑެތި ވަންނަން ބަނދަރު ހެދި އިރު ކޮނެގެން ފަސް ނަގާފައި އެޅި ތަނެއްގައި.

ސ: އެ ބަނދަރު ބޭނުން ކުރެވޭ ވަރުވާނީ ކޮން އިރަކުންތޯ؟

ޖ. މިހާރު އަޅުގަނޑުމެންގެ ކުދި ބޯޓު ފަހަރު ވަންނަންޏާ އެބަޖެހޭ އެތަން ފުން ކުރަންވެސް. ބައެއް ދިމަ ދިމާގައި މައިނަސް 3 ގަ ހުރީ. އެ ޗެނަލުން ވަންނަންޏާ އެންމެ ކުޑަމިނުން މައިނަސް 3.5 ހުންނަން ޖެހޭ. އެތާގައި ބައްތިތައްވެސް ޖަހަން ޖެހޭ. އެހެން މިހެން އެތަން އޮތީ. އެހެން ވިޔަސް އެތަން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު ޕްލޭންތަކެއް ހެދިފައި ހުރީ. އެއީ ނުނިމި ހުރި ބައެއް ކަންކަން، މިސާލަކަށް ޖަނަރޭޓަރު ސިންކްރޯނައިސް ކުރުމާ، އައިސް ޕްލާންޓްތައް އޮޕަރޭޝަނަށް ގެނައުމާ އެކަހަކަ ކަންކަން އެބަ ނިމޭ މަޑުމަޑުން. އެކަމަކު ޗެލެންޖަކީ މަސްގަނެ އެކްސްޕޯޓް ކުރުމުގެ ޗެލެންޖް. މަސް ގަނެވިދާނެ، ބޭރު ކުރެވޭނެ ގޮތެއް ނެތް. ޕްރޮސެސް ކުރެވޭނެ ގޮތެއް ނެތް. ދެން ޖެހޭނީ ފެލިވަރު ކަހަލަ ސްޓޯރަކަށް ގެންދަން. ނޫނީ އިންސޮލޭޓަޑް ބާޖެއްގައި މަރަދޫ ބަނދަރުގައި ބޯޓް އޮންނަ ހިސާބަށް ގެންދަން ޖެހޭނީ. އެއީވެސް 1.2 މޭލު ދުރު. އެގޮތަށް އެކަން ކުރަންޏާ ހެންޑްލިން އިޝޫސް، ކޮލެޓީ ޑެމޭޖު މައްސަލަތައްވެސް އަންނާނެ. އަގަށް އުނިކަން އަންނާނެ. އެކަމަކު އެކަންކަމާ ގުޅޭ ޕްލޭންތައް ކަމާގުޅުން ހުރި މިނިސްޓްރީތަކަށް ހުށަހަޅައިގެން އެޕްރޫވް ލިބިފައި އޮތީ. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވެފައި އޮތީމައި އެމަގަށް މިގެންދަނީ.

ކޫއްޑޫގައި މަސްކިރަން ބަނދަރުކޮށްފަ އޮތް ދޯންޏެއް

ސ: ފެލިވަރުގެ މިއަދުގެ ހާލަތަކީ ކޮބާތޯ؟ އަދި އެތަން ތަރައްގީ ކުރެއްވުމުގެ ޕްލޭން އަކީ ކޮބާތޯ؟

ޖ: ދެން އޮތީ ފެލިވަރު އަޕްގްރޭޑް ކުރުން. ވަރަށް ބޮޑު ހަރަދެއް ވަރަށް ބޮޑު އިންވެސްޓްމަންޓެއް، ފައިނޭސްގެ ގޮތުން. އެކަމަކު ސަރުކާރުގެ އެހީތެރިކަމާއެކު އަޅުގަނޑުމެން އިމީޑީއެޓް ކޮށް ޝޯޓްޓާމް ފްލޭނެއް ހަދައިފިން. އެއީ ކޭޝްފްލޯ މެނޭޖް ކުރާނެ ގޮތެއް. ދެން އޮތީ ސްޓްރެޓެޖިކް ޕްލޭނެއް. އެއީ ފިއުޗާގައި މިފްކޯ އޮންނާނީ ކިހިނެތްތޯ. އަޅުގަނޑުމެން މިފްކޯގެ ހުރިހާ ސައިޓަކައްވެސް ޑިވަލަޕްމެންޓް ޕްލޭނަކާ އެއްކޮށް އައީ. އެހެންވީމާ ފުރަތަމަ ޕްލޭނުގައި އޮންނާނެ ފެލިވަރުގައި ހުރި ކެޕޭސިޓީ ރަނގަޅުކޮށް މަސް ގަންނަ ކެޕޭސިޓީ ރަނގަޅުކޮށް މިސާލަކަށް ތިބޭފުޅުން ބައްލަވާ ދެކުނުގެ މަސްވެރިން މަސްގަނެގެން މަސް ކިރުވާފައި އެދާ ގޮތަށް އުތުރުގައި ނެތޭ އޮގޮތަށް މަސްކިރުވާފައި، މިސާލަކަށް ފެލިވަރުގައި، ފެލިވަރުގަ މިއިތީ ކޭނަރީއާއި އެޓޭޗް ކޮށްފަ، ކޭނަރީގަ ވާގޮތަކީ 40 ޓަނު މި އިންނަނީ އާރުއެސްޑަބްލިއުގަ ބަހައްޓައިގެން އޭތި ކިރާފަ ފަ އޭތީގަ ބަހައްޓައިގެން ކޭނެރީ އަށް ނަގާ މަހުގެ އިތުރަން 40 ޓަނު އެ ބެހެއްޓެނީ. އެހެންވީމަ ކޭނަރީ އަކީ ގާތް ގަނޑަކަށް 50 ޓަނު. އެއީ 10 ޓަނުގެ ޕޯޗާ 40 ޓަނުގެ ކޭނިން. އެހެންވީމާ އެހުރިހާ އެއްޗެއް އެއްވީމަ ގާތްގަޑަކަށް 50 ޓަނު އިތުރަން މި ބެހެއްޓެނީ.

އެހެންވީމާ އުތުރުގެ މަސްވެރިން މިވާގޮތަކީ 2 ދުވަސް މަތިން ތިބެފަ ބައެއް ދުވަސްދުވަހު އެތާގަ ކިއު ނަންބަރު ނަގައިގެން ގޭގަ ތިބެފަ ވެސް އެބަ ކިރާ ނައިފަރު ހިންނަވަރުން މަސްވެރިން ނޫނީ އެއަށް ވުރެން ދުރުން އަންނަ މަސްވެރިން ވެސް އެބަ ތިބި އެހެންމަ ފެލިވަރުގަ އަނެންހެން ބަލަންޏާ ކަލެކްޓާ ބޯޓު ފަހަރުވެސް ނުހުރޭ މިސާލަކަށް އުތުރުގެ ހއ އިހަވަންދޫ ދ ކުޑަހުވަދޫ ހއ ދިއްދޫ މ އަތޮޅު މުލީ މުލަކު ތަންތަން މިއީ އަޅުގަނޑުމެން ކުރިން ކަވާ ކުރީގެ ބަދަރުތައް، ބޯޓުފަހަރެއް ނެތް، މިފްކޯ މެއިންޓޭން ނުކޮށް ދިޔާމަ ބޯޓު ފަހަރުގެ އިންޖީނުތަކާއި ބޯޓު ފަހަރު ދަބަރަށްވެ ހަލާކުވެ ދިޔައީ.

ސ: ފެލިވަރުގެ ހާލަތު ބަދަލު ކުރައްވާނީ ކޮން ގޮތަކަށްތޯ؟

ޖ. މިހާރު އަޅުގަނޑު އައި އިރު ގާތްގަޑަކަށް 2 ބޯޓު އުތުރުގަ އޮޕަރޭޓް ކުރަން މިއޮތީ. ފެލިވަރުގަ އޮތް ދެ ބޯޓު އަޅުގަނޑު އިތުރަށް އޮޕަރޭޝަނަން ނެރެވޭތޯ މި ބަލަނީ ރަންދިޔަ 27 އަކާއި ރަންދިޔަ 20 ގެ ޖެނެރޭޓަރެއް، ރަންދިޔަ 27 ގަ އޮޕަރޭޝަނަން ފަސޭހައަކަށް ރަނގަޅު ކޮށްލައިގެން އަޅުގަނޑުމެންނަށް އޮޕަރޭޝަނަން ނެރެވޭ ގޮތަށް ދަނީ ތައްޔާރުވަމުން. މިހާރުވެސް އޮޕަރޭޝަނަން ނެރެވޭނެ ހާލަތުގަ އޭތި އޮތީ. އަދި ކުދި ކުދި ކަންތައް ރަނގަޅު ކޮށްލައިގެން އޭތި ނެރެވޭނެ. އެހެންވީމާ އަޅުގަނޑުގެ ޕްލޭނަކީ ދެކުނުގެ މަސްވެރިން ވެސް މަސްކިރާފަ އެދާ ގޮތަށް އުތުރުގެ ފެލިވަރުގަ ދެ ޝިފްޓުން 100 ޓަނު ގަނެފަ ފެލިވަރުގަ ވެސް ސްޓޯރޭޖް ކެޕޭސިޓީ 1500 ޓަނަށް ގެނެވިފަ އެބޭފުޅުންގެ ވެސް ކޭނަރީ އަށް ބޭނުންވާ ބަފަލްސް ތަކެއް ސައިޒިންނާއި އެއްކޮށް އެ އެރޭންޖްމަންޓް ހެދުން.

މިހާރުވެސް އަޅުގަނޑު ޕްލޭން މިކުރަނީ 50 ޓަނުން 66 ޓަނަށް ދެވޭތޯ. އެއީ އެތާގަ އެކަމަޑޭޝަންތައް ވަރަށް ދަތިކޮށް ހުރީ. އެތަނަކީ ވަރަށް ކުރީގަ ޕްރޮސެސް ކުރަން ފެށި ތަނެއް ވީމާ އެތާގަ އިންފްރާސްޓަރަކްޗާ އެހާ ރަނގަޅެއް ނޫން. ވަރަށް އޯލްޑް. އެހެންވީމާ އަޅުގަނޑުމެން އޭތި މަޑުމަޑުން ރިޕްލޭސް ކުރަމުން މިދަނީ. މުވައްޒަފުން ތިބޭނެ އިތުރު ތަންތަން ވެސް ފެބްރިކޭޓެޑް ހައުސް ގެނެސްގެން ނަމަވެސް، އެކަހަލަ ޕްލޭން ތަކެއް ވެސް ހެދިގެން އެއަށް ފަންޑް ހޯދުމުގެ ކަންތައް މިދަނީ. އެއީ މިހާރު އިތުރު 100 މީހުންގެ ޖާގައަކާ އެއްކޮށް އިތުރު ކޭނެރީގެ އިތުރުން ކްލީނަރުން ގެނެސްގެން.

ސ: ފެލިވަރުގެ ޖާގަ ބޮޑުކޮށް ލެވޭނީ ކިހާވަރަކަށްތޯ؟

ކޭނަރީގަ މިހާރު އަޅުގަނޑުމެންނަށް އިތުރު ކެޕޭސިޓީ ބިލްޑް ކުރެވިދާނެ މިހާރު މިހާރު ވެސް އެއީ ކައްކާ ރެކު 50 ރެކު އިތުރަށް ގެނައުން. އެއީ ހޫނު ކަންމަތީގަ އިތުރަށް އޭތި ބޭނުން ނުކުރެވޭ. ޓައިމެއް ނަގާ. އެހެންވީމާ އިތުރު 50 ރެކު ގެނެސްގެން 66 ޓަނަށް އަޅުގަނޑަށް ކެޕޭސިޓީ މިހާރުވެސް އިންކްރީސް ކުރެވިދާނެ. ދެން އޭގެ އިތުރުން 4 އަވާސް ގެ ޝިފްޓަކާއެކު 80 ޓަނަށް ދެވިދާނެ. އެކަމަކު އެތެރޭގަ ހުރި އެރޭންޖްމަންޓް އެބަޖެހޭ ރަނގަޅު ކުރަން. މިސާލަކަށް ލޭބަލިން މެޝިނާ އިތުރު މެޝިނަރީ ގެންނަށް ޖެހޭ. އެތާނގެ ޕަވާ ހައުސް، ފްރީޒިން ކެޕޭސިޓީ ރަނގަޅު ކުރާކަމަށް ވަންޏާ ކޮމްޕްރެސްރުތަކާ އެއްޗެހި އެބަޖެހޭ ރިޕްލޭސްމަންޓަކަށް އަންނަށް.

ރަނގަޅަށް 80 ޓަނު ނުވަތަ 66 ޓަނު ދާ ކަމަށް ވަންޏާ ކޮންޓޭނާ ހޭންޑުލް ކުރުމުގެ ކަންކަން ރަނގަޅު ކުރަން ޖެހޭ. މިހާރު މިވާ ގޮތަކީ ބޭރުގެ މާކެޓް ތަކަށް، ޔޫރަޕް، ޖާމަން އަށް އަދި ޔޫކޭ މާކެޓް ތަކަށް ފޮނުވާ ދަޅު މަސް އަޅުގަނޑުމެން މިވާގޮތަކީ މި ހަޔާ ކުރަނީ ދޯނި ފަހަރު. ކޮންޓޭނާ ޖަހައިގެން. އެ ދޯނި ފަހަރު އިންޝިއުރަންސް ކޮށްފަ ހުރިތޯ އާއި ހުރިހާ ކަމެއް އެރޭންޖްމަންޓެއްގެ ދަށުން މި ދަނީ. އެހެންވީމާ އަޅުގަނޑުގެ ޕްލޭންގައި އޮތީ ކޮންޓޭނާ ހޭންޑަލް ކުރާ އިކުއިޕްމަންޓްވެސް ފެލިވަރުގަ ގާއިމްކޮށްފަ ފަސޭހައިން އެއްޗެހި މާލެއިން ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުން.

އެހެންވީމާ ފެލިވަރުގެ ފުރަތަމަ ފޯކަސް މިހުރީ ޕްރޮސެސް ރަނގަޅު ކޮށްލާފަ މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ ބިލްޑް ކުރުން.

މާލޭގައި ހުންނަ މިފްކޯ މަސްފިހާރަ

ސ: ކޫއްޑޫއަށް ހައްދަވާނީ ކިހިނެތް؟

ޖ: ދެން އޮތީ ކޫއްޑޫ. ކޫއްޑޫގަ މިވާގޮތަކީ ކޫއްޑޫގަ ކުދި ބޯޓުފަހަރު ހުރީ. ކޫއްޑޫއަށް ވެސް ޑިވޮލެޕްމަންޓެއް އައިސްފައި ނެތް. އޭރު ކުދި ކުދި ބޯޓް ފަހަރު ގެންގުޅުނަސް މިހާރު މަސްވެރިކަން ކުރާ އުޅަނދުތައް ވަރަށް ބޮޑެތި. މަސްވެރިކަން ރަނގަޅުވާއިރު ބަދަރަކަށް ހުރިހާ ބޯޓެއް ގެންނަށް އެބަޖެހޭ. މިސާލަކަށް އިހަކަށް ދުވަހު ރަނގަޅު މަސްވެރިކަމެއް ތިނަދޫ ބަދަރަށް، 4 ބޯޓު ކޮންމެ ބޯޓެއްގެ 25 ޓަނު ގެނައި. އެންމެ ދޯންޏެއްގެ މަސް ކިރަން އަންނަ އިރުފިއުލްގެ ގޮތުން ނުވަތަ އޮޕަރޭޝަނަލް ކޯސްޓުގަ 70 އިންސައްތަ އަކީ ގާތްގަޑަކަށް ފިއުލް. އޭތީގެ އޮޕަރޭޝަނަލް އެފިޝަންސީ ވެސް ބަލަން އެބަޖެހޭ. އެހެންވީމާ އަޅުގަނޑު ފްލޭން ކޮށްފަ އޮންނާނީ މޯބައިލް ފްލީޓް އަކަށް. ދެން ކޫއްޑޫ ވެސް އިތުރު 80 ޓަނުގެ ދެ ކަލެކްޓާވެސް ބޭނުން ކުރަން. އޭރުން ކުދި ކަލެކްޓާވެސް އުތުރަށް ޑައިވާޓް ކޮށްގެން އުތުރުގެ ގިނަ ބަދަރުތައް ކަވާ ކުރެވޭނެ. ދެކުނުގަ ރަނގަޅު މަސްވެރިކަން އުފެދިއްޖެއްޔާ މޯބައިލް ފްލީޓް ފޮނުވައިގެން 100 ޓަނުގެ ކެޕޭސިޓީ ބިލްޓްކުރެވޭނެ.

ދެން އައްޑޫ އޮޕަރޭޝަނަން ގެނެވުނީމާ އެއީ ވެސް އިތުރު 100 ޓަނު.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ / ފޮޓޯ: ޝައުޒަން އިބްރާހީމް | ދަޕްރެސް

ސ: ހުޅުމީދޫ ޕްރޮޖެކްޓަކީ ފީސިބިލިޓީއެއް ހަދައިގެން ބަލައިގެން ކުރި ކަމެއް ނޫންތޯ؟ ނުވަތަ އެކަން ސިޔާސީކޮށް ބަޔަކަށް މަންފާ ލިބޭގޮތަށް ހެދީތޯ؟

ޖ: އަސްލު ޕްލޭނަކީ ހިތަދޫގައި އެކަން ކުރުން. ފީސިބިލިޓީވެސް ހަދާފައި އޮތް. އެތާނގައި ފުރަތަމަ ކޯލްޑްސްޓޯރޭޖެއް ފަހުން ކޭނަރީއަކަށް ހެދުން. އައްޑޫއަކީ އާބާދީ އޮތް ތަނަކަށް ވެފައި ގޭގައި ތިބެފައި ދަބަސްގަނޑު ކޮނޑުގައި އަޅުވާލައިގެންވެސް ފެކްޓަރީއަށް ދެވޭނެ. މަސައްކަތް ނިނުމީމަ ގެއަށް ދާ ކަހަލަ ގޮތަކަށް އަސްލު އެކޮމަޑޭޝަނާއި ފުޑް އެލަވަންސް ދީގެން، ކޫއްޑޫގަ ހުންނަ ގޮތަށް ވަންޏާ ކޫއްޑޫގަ ތިބޭނެ ސްޓާފުން އެކަމަޑޭޝަނާއި ކެއުމާއި ހުރިހާ ކަމެއް. އޭގެ ބަދަލުގަ އަޅުގަނޑުމެންނަށް ކޯސްޓް ވައިސް ކޮށް ބެލި ކަމުގައި ވިޔަސް އައްޑޫގަ އެގޮތަށް ބިލްޓް ކުރެވިއްޖެއްޔާ މާ ރަނގަޅު ވާނެކަމަށް ބަލާފަ އޭރު ފީސަބިލިޓީ ހެދީ. ގަބޫލު ކުރަނީ ފަހުން ކޮންމެވެސް ސިޔާސީ ނުފޫޒެއް އޮވެގެނޭ ހުޅުމީދޫ އަށް ބަދަލުވީ. ފަހުން ބަދަލުވި ތަނަކީ އަޅުގަނޑުމެން ފީސަބިލިޓީ ހަދާފަ އޮތް ތަނެއްވެސް ނޫން. ދެން އޭރު ބަނދަރު ހަދާފަ ކޮނެފަ ފަސް ނަގާފަ އެއްވަރު ކޮށްފަ އޮތް ބިމެއްގަ އަޅުގަނޑުމެންނަށް ގޮސް ފެކްޓްރީ އެޅުނީ. ފްލޭން ކުރި ތަނުގައި ފެކްޓްރީ އެޅުނު ނަމަ ވަރަށް ގިނަ ފަސޭހަތަކެއް ވީސް. މިސާލަކަށް ޖެހިގެން އޮތް ފުވައްމުލަކުން ކަންނެލި ގަނެގެން ނަމަވެސް އަޅުގަނޑުމެނަށް ވަގުތުން އެއާފްރައިޓް ކޮށްލެވޭނެ. މިހާރުވެސް ކޮށްލެވެނޭ. އެކަމަކު ވާގޮތަކީ ހުޅުމީދޫ އޮންނަ ދިމާލާ އެއާޕޯޓާ ވެސް ވަރަށް ދުރު. ވަކިން ހުޅުމީދޫ މި އޮންނަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ ދެން ކުރިއަށް އޮތްތާނގައި ހުޅުމީދޫގައި އޮޕަރޭޝަން ފަށައިގަންނަ އިރުގައި ބަދަރުގެ ދަތިތައްވެސް ފިލާ އެހުރިހާ ކަންކަންވެސް ފުރިހަމަވެގެން އައްޑޫ އަތޮޅުގެ މަސްވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ.

މިފްގެ ކާރުހާނާއެއްގައި މަސައްކަތް ކުރިއަށް ދަނީ

ސ: ތިޔަ ވިދާޅުވި ވާހަކަތަކަށް ބަލާއިރު ތިޔަ ތަންތަން އޮޕަރޭޝަނަށް ގެނަޔަސް ތެލާ މުއައްޒަފުންގެ މުސާރަ އަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ. ބިޒިނަސް މޮޑެލް އަކަށް ދަންޏާ ލިބޭ އާމްދަނީއަކާ ހަރަދާ ބައްދަލުވާން ޖެހޭނެ ނޫންތޯ؟

ޖ: އެންމެ ރަނގަޅު ގޮތަކީ އެއީ، ބިޒްނަސް މޮޑެލް އަކަށް ދާކަމަށް ވަންޏާ މަސްވެރިންވެސް މި އިންޓަނޭޝަނަލް މަހުގެ އަގާ އެއްގޮތަށް ދާންވީ. މިސާލަކަށް ތެޔޮވެސް އިންޓަނޭޝަނަލް މާކެޓްގެ އަގާ އެއްގޮތަށް ބަދަލު ކުރެވޭ ދެއްތޯ. ހަމަ އެގޮތަށް މީތި ބަދަލުވާން ވީ. އޭރުންކަންނޭނގެ މިފްކޯއަށްވެސް ޑިވެލޮޕްމަންޓެއް އަންނާނީ. މިފްކޯ ނެތިއްޔާ މަސްވެރިންނަށް އުނދަގޫތަކެއްވެސް ވާނެ. ޕްރައިވެޓް ޕާޓީތަކުން އައިސް ބޭނުން އަގެއްގައި ގަނެލާނީ. މިފްކޯ އޮތިމާ، ސަރުކާރު ކުންފުންޏެއް ވީމާ މަސްވެރިންނަށް ރަނގަޅު ގޮތްތައް އަބަދުވެސް ވާނެ. އަލުގަނޑުމެން އެބަ ބަލަން ހުރިހާ ރަށެއްކަހަލަ ގޮތަކަށް އައިސްޕްލާންޓް ބިލްޑް ކުރަން. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ އިންޓަނޭޝަނަލް މާކެޓުގައި މަހަށް އަންނަ ބަދަލާ އެކީ ރާއްޖޭގައިވެސް މަހުގެ އަގަށް ބަދަލު ގެނައުން. ވިޔަފާރީގައި މިފްކޯ ވެސް ދެމި އޮންނާނީ އޭރުން. އަބަދު ސަރުކާރުން އިންޖެކްޓް ކޮށްގެން މިކަން ކުރަން އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް. މަ އަޅުގަނޑަށް ގަބޫލްކުރެވެނީ ދެން މަހުގެ އަގު އަންނަ އިރު ރަނގަޅު އަގު ދެވިފަ އެ އަގާ އެއްވަރަށް އަޅުގަނޑުމެންނަށް ވެސް އެޖެސްޓްވެގެން ތިބުން ކަންނޭގެ އެންމެ ރަނގަޅު ގޮތަކީ.

އެސްޓީއޯ ގެ އެމްޑީ ހުސައިން އަމްރު ކޫއްޑޫގެ އޮޕެރޭޝަންތައް ކުރިއަށް ދާގޮތް ބައްލަވާލަނީ

ސ: ތި ކަމުގައި މަސްވެރިންނާ ވާހަކަ ދައްކަވައިގެން ހައްލެއް ހޯއްދަވަން އޮތް ޕްލޭނަކީ ކޮބާތޯ؟

ޖ: އަޅުގަނޑު ޕްލޭނަކީ އަޅުގަނޑުމެން މަސްވެރި ހުރިހާ ރަށަކަށް މަސްވެރިންނާއި ބައްދަލުވާން ދާން ތައްޔާރުވެގެން. މި މަހަށް މިއަންނަ ބަދަލު، އަގަށް މިއަންނަ ބަދަލުތައް، އަޅުގަނޑުމެން މަސް ގަނެފަ މިއަށް އެޑް ކުރާ ކޯސްޓް، އެޑިޝަނަލް ކޯސްޓް ޑީޓެއިލް ކިޔައިދޭން ދާން. އަޅުގަނޑު ޕްލޭނަކީ މިސާލަކަށް ރަށްފުށުގަ މަސް ގަންނަ އިރު އަޅުގަނޑުމެން ގަނެގެން އިތުރަށް ކޫއްޑޫގަ ވެސް ފްރީޒްކުރުމަށް އެދާ ކޯސްޓް ހަމަ ސެޓެޕް ބައި ސެޓްޕް އެބޭފުޅުންނަށް ވެސް ކިޔާދޭން. ދެން ސަރުކާރު ކުންފުންޏެއް ވީމާ އަޅުގަނޑުމެން މި ތިބެނީ މަސްވެރިކަން ދަށް ވިޔަސް އަޅުގަނޑުމެންގެ މެކްސިމަމް ކެޕޭސިޓީގަ ހަމަ މަސް ގަންނަށް ތައްޔާރުވެގެން. ހަމަ މުވައްޒަފުންވެސް އެވަރަށް ތިބި ގޮތަށް. ޕްރައިވެޓް ކުންފުންޏެއްވިއްޔާ އެބޭފުޅުން ތިބޭނީ އެބޭފުޅުންނަށް ފީސަބަލްވާ ގޮތަށް ހަމަ އެބޭފުޅުންގެ އޮޕަރޭޝަނަން ތައްޔާރުވެގެން. އެކަމަކު އަޅުގަނޑުމެން މި ތިބެނީ މެކްސިމަމް ކެޕޭސިޓީގަ. ކުއްޑޫގަ ވެއްޖެއްޔާ 460 ޓަނަށް ތައްޔާރުވެގެން. މިހާރުގެ ޕްލޭނަކީ މިހާރު އަޅުގަނޑުމެންގެ އޮޕަރޭޝަންގެ އިންއެފިޝަންސީތައް ބަލާ އެތަންތައް ތަންކޮޅެއް އެފިޝަންޓް އޮޕަރޭޝަނަށް ގެނައުން. މިސާލަކަށް އައިސް ޕްލާންޓްތައް ހުންނަ ރަށްރަށުގަ މަސްވެރިކަން ނޯންނައިރު ބޯޓުފަހަރު ފޮނުވުމުގެ ބަދަލުގައި މަސްވެރިން ބާނައިގެން އަންނަ މަސް ކޮޅު އަޅުގަނޑުމެން އެއްކަލަ އައިސް ޕްލާންޓްގެ އޮޕަރޭޝަން ތެރޭގައި ކަލެކްޓް ކުރުން. ދެން ވީކްއެންޑްގަ އަޅުގަނޑުމެންގެ ދޯންޏެއް ނުވަތަ ބޯޓެއް ނަމަވެސް އައިސް އެ ހިފައިގެން ގޮސް ކޫއްޑޫ އަށް ފޯރުކޮށްދިނުން. އޭރން އޮޕަރޭޝަނުގެ ފިއުލް ވަރަށް ބޮޑު އެއްޗެއް ސޭވް ވެގެން އަންނާނެ. ކުރިމަގުގަ އަޅުގަނޑުމެންގެ ޕްލޭން އޮތީ މިފްކޯ ތަންކޮޅެއް ސްޓެޖެޓިކް ކޮށް، މިފްކޯގެ އޮޕަރޭޝަން ތަންކޮޅެއް ވައިބަލް ވާ ގޮތަށް ކުރިއަށް ގެންދިއުން.