ހ.ސަކީނާ މަންޒިލް ގެ 3 ވަނަ ފްލޯގައި ހަދާފައިވާ ސްމޯލް މީޑިއަމް އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) މާދަމާ ހުޅުވަން، ތައްޔާރު ވެއްޖެއެވެ.

މި ބޭންކު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފާ ވަނީ، މާދަމާ ހެނދުނު 9:30ގައި ނޭޝަނަލް އާޓް ގެލެރީގައެވެ.

އެސްއެމްއީ ބޭންކް އަކީ 100 ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރޭގައި މާލެ، އައްޑޫ ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލުގެ 5 ޕަސަންޓް ހިއްސާ ހިމެނެއެވެ.

އެސްއެމްއީ ބޭންކަށް ރާއްޖޭގައި ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައިވަނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއެމްއޭން ބުނީ އެސްއެމްއީގެ ވިޔަފާރި ފެށުމުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވާނެ ކަމަށެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެކެވެ. އެސްއެމްއީ ބޭންކެއް ރާއްޖޭގައި ގާއިމުވެގެން ދިއުމުން ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ދެކޭކަމަށް ސަރުކާރުން ބުނެއެވެ.