މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ހަވަލި" ފެއާގައި ބައިވެރިވާ ޖަމިއްޔާތަކުގެ އިސްވެރިންނާ މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

މިއަދު މިނިސްޓާ އިމްރާން ވަނީ އެ ފެއާއަށް ވަޑައިގެން ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ ޖަމިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ދަރުބާރުގޭގައި ކުރިއަށްދާ މި ފެއާ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަވަލި ފެއާގެ މީ ދެވަނަ ދުވަހެވެ. މިއަދާ ހަމައަށްވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުން ބައިވެރިވެއެވެ. އޭގެތެރޭގައި އެސްޓީއޯ، ވެމްކޯ، އައިލެންޑްއޭވިއޭޝަން، އެމްޑަބްލިޔުއެސްސީ، އެމްޕީއެލް، ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، ބޭންކް އޮފް މޯލްޑިވްސް، ސްޓެލްކޯ، އެޗްޑީސީ، އެމްއެމްޕީއާރުސީ، އެލިއާ އަދި ދިރާގު ހިމެނެއެވެ.

މިމަހުގެ 16، 17 އަދި 18 މި ތިން ދުވަހު ދަރުބާރުގޭގައި ކުރިއަށް ދާ ފެއާގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ޖަމިއްޔާތައް ހިމެނެއެވެ. މީގެ ތެރޭގައި ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ހިމެނެއެވެ. ޖަމިއްޔާތަކުގެ ފެއާއެއް ބޭއްވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މި ފެއާގައި 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ބައިވެރިވިއެވެ.