ތަހުޒީބު މުޖުތަމައެއްގައި އެމީހަކާ ފިކުރު ތަފާތު މީހުން ބަލައިގަންނަން ދަތިވުމާއި ޓެރަރިޒަމަށް ފުރުސަތެއް ނޯންނާނެ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ ދެ މިސްކިތަކަށް އަމާޒުކޮށް ދިން ބަޑީގެ ނުރައްކާތެރި ހަމަލާތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ސާލިހު ވިދާޅުވީ، މި ފިނޑި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ.

އެމަނިކުފާނު ހުންނެވީ، ހުކުރު ދުވަހުގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން މުޅި ނިއުޒީލަންޑާއެކުގައި ކަމަށްވެސް ރައީސް ސާލިހުގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މިހަމަލާތަކާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމްއާއި ދެކޮޅަށް، ހޭޖެހޭ ހުރިހާ އެންމެން އެއްބައިވަންތަކަމާއެކު ތެދުދުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސް މަޢްމޫނު އަބްދުލްޤައްޔޫމުވެސް ވަނީ ކްރިސްޓްޗާޗުގެ މިސްކިތްތަކަށް ދިން ހަމަލާތަކާ ގުޅިގެން ޓްވީޓް ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މަޢްމޫނު ވަނީ، މި ހަމަލާތަކުގައި ޒިންމާ އުފުއްލަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލައްވާފައެވެ.

ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވަނީ މި ހަމަލާތައް ކުށްވެރި ކުރައްވާފައެވެ.

ހުކުރު ނަމާދު ވަގުތުގައި ދިން މި ހަމަލާތަކުގައި، ނިއުޒީލަންޑްގައި ދިރިއުޅެމުންދާ އެއްވެސް ދިވެއްސެއްގެ ފުރާނަ ގެއްލިފައި ނުވާއިރު، އަނިޔާވި މީހުންގެ ތެރޭގައިވެސް ދިވެއްސަކު ނުހިމެނޭކަމަށް ދިވެހި ޚާރިޖީ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.