އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނަނީ 10.19 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެން ހުންނަނީ 10.89ރުފިޔާއަށެވެ. އެސްޓީއޯ އިން ބުނާ ގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ ކުރީގެ އަގަށް 72 ލާރި އިތުރުކޮށްގެން، 11.61 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީިޓަރެއް ވިއްކާނީ ކުރީގެ އަގަށް 60 ލާރި އިތުރުކޮށަގެންނެވެ. އެއީ 10.79 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑޮ ކުރަން ނިންނީ ގަންނަން ލިބޭ އަގު ބޮޑުވެ، މި އަގު ދިގުދެމިގެންދާ ހާލަތްތަކުގައެވެ. އަދި އަގު ހެޔޮވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭނެ ކަމެއްކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ސާފުނުކުރާ ތެލުގެ އަގު ވަނީ މިހާރު 60 ޑޮލަރަށް އަރާފައެވެ.

ތެލަށް އައިސްފައިވާ ބަދަލުތައް ފެންނަ ޗާޓެއް

ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސާޕްލަސް މަދުވާނެ ކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އެ ލަފާކުރުންތަކުގެ ނަތީޖާ އަކީ ނޮވެމްބަރު 2018 ގައި ތެލުގެ އަގު ހުރި މިންވަރަށް ވުރެ މިދިޔަ ބުދަ ދުވަހުން ފެށިގެން އަގު މައްޗަށް ދިއުންކަމަށް އެ ކުންފުނިން ބުންޏެެވެ.