ހިސާބުގައި އެކުލެވޭ "ޕައި" ވެލިއުގެ އެންމެ ދިގު ޑިޖިޓް ހޯދައިގެން ޖަޕާނު މީހަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

އާ ހިސާބުތަކެއް ހަދައިގެން "ޕައި"ގެ ވެލިއުގައި މިހާރު 31 ޓްރިލިއަން ޑިޖިޓް ހިމެނޭއިރު، ކުރިން މިރެކޯޑް ހެދި މީހާއަށް ހޯދުނީ 22 ޓްރިލިއަން ޑިޖިޓެވެ.

31 ޓްރިލިއަން ޑިޖިޓާއިއެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވަނީ ޖަޕާނުގައި މަސައްކަތް ކުރަމުން އަންނަ ގޫގްލްގެ މުވައްޒަފެއް ކަމަށްވާ އެމާ ހަރޫކާ އަވާއޯ ނަމަކަށް ކިއާ އަންހެނެކެވެ. އޭނާ މި މަސައްކަތްކޮށްފައިވަނީ، ގޫގްލް ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގް ހިދުމަތުގެ އެހީތެރިކަމާއިއެކުގައެވެ.

"ޕައި"އަކީ ވައްބުރެއްގެ ސާކަމްފަރެންސް ނުވަތަ ވަށަމިން، އޭގެ ޑައިމީޓަރު ނުވަތަ އެ ވައްބުރުގެ އެތެރެން ބަލާއިރު މަތިން ތިރިއަށް އޮން މިނުން ގެއްލައިގެން އަންނަ އަދަދަކަށް ކިއާ ނަމަކެވެ. "ޕައި" ވެލިއުގެ ގޮތުގައި ހިސާބު ހެދުމަށް އާންމުކޮށް ބޭނުންކޮށް އުޅެނީ 3.14 އެވެ.

"ޕައި" ވެލިއު ބޭނުންކޮށްގެން އާންމު ދުނިޔޭގައި ހަދާ ބައެއް ހިސާބުތަކުގެ ތެރޭގައި، މާސް ފަދަ ޕްލެނެޓަކަށް ޖައްވީ އުޅަނދެއް ފޮނުވާއިރު އޭގައި ހަރުކުރަންވީ ޕެރަޝޫޓުގެ ބޮޑުމިން ދެނެގަތުމާއި، ދުނިޔޭގެ ސަތަހައިގެ ޗާޓެއް ތައްޔާރު ކުރުމަށް ބޭނުންވާނީ ކިހާ ކެމެރާއެއްތޯ ދެނެގަތުން ފަދަ ކަންކަން ހިމެނެއެވެ.