މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އަށް ކެރިއަރަކުން [މަސް ބޯޓް] ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ ގެއްލުން ވާކަމަށާ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 100 މިލިއަން ރުފިޔާއާ ގާތަށް ގެއްލުން ވާކަމަށް މިފްކޯއިން ބުނެފިއެވެ.

"ދަޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ރާއްޖެއިން މަސް ބޭރު ކުރުމަށްޓަކައި ރާއްޖެ ގެންނަ ކެރިއަރު ލޯޑްކޮށްގެން ފުރުވާލެވޭ ވަރުވަނީ ވިއްސަކަށް ދުވަހުން ކަމަށާ ކޮންމެ ކެރިއަރެއްގައި ގެންދެވޭ މަހަށް ލިބޭ އަގަށް ބަލާއިރު ކެރިއަރަކުން 9 މިލިއަން ރުފިޔާވަރު ގެއްލުން ވާކަމަށެވެ. އަދި މިގޮތަށް އަހަރަކު އެވްރެޖް ކޮށް 8 ކެރިއަރާ 11 ކެރިއަރާ ދެމެދު އަދަދެއްގެ މަސް ބޭރުކުރެވޭ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ މިހާ ބޮޑު ގެއްލުމެއް ވެގެން ދަނީ ކޭޝްފްލޯ މެނޭޖް ކުރުމުގައިވެސް ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ކުރިން ރާއްޖޭގެ މަހަށް، ހާއްސަކޮށް ޕޯލް އެންޑް ލައިން ގެ މަސްވެރިކަމަށް ލިބުނު ޕްރިމިއަމް ބޮޑުކޮށް އޮތުމަކީވެސް ގޮން ޖެހުމެއް ކަމަށް އެކުންފުނިން ބުނެއެވެ.

"މިހާރު އަޅުގަނޑު މަސައްކަތް ކޮށްގެން ޕްރިމިއަމް ދަށް ކުރެވިއްޖެ ޓަނަކަށް 231 ޑޮލަރަށް، ކުރިން ޓަނަކުން 581 ޑޮލަރުގެ ޑްރެއިންއެއް [ގެއްލުމެއް] ވަމުން ދިޔައީ" ފައުޒީ ވިދާލުވިއެވެ.

ފައުޒީ ވިދާޅުވީ ޕްރިމިއަމުން ލިބުނު ލުޔަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާ އަދިވެސް އިތުރު ލުޔިތައް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިފްކޯއަކީ މިހާރު ދުވާލަކު 460 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ހުރި ކުންފުންޏެވެ. އަދި މިހާރު އެވްރެޖް ކޮށް ދުވާލަކު 200 ޓަނުގެ މަސް ގަނެވުނު ނަމަވެސް މަހުގެ އަގަށް އަންނަ ބަދަލަކީ އެކުންފުންޏަށް ބުރަބޮޑުވާ ކަމެއް ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބޮޑެތި ބަދަލުތައް އެބަ އާދޭ، އަގު ވެއްޓޭ އެބަ ވަރަށް ބޮޑަށް. އެހާލަތުގައިވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުން ދަށެއް ނުކުރަން" ފައުޒީ ވިދާޅުވިއެވެ.

އެނާ އިތުރަށް ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަން ލިބޭ އަގާއި މިފްކޯގެ އުފެއްދުންތައް ވިއްކައިގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކަމަށެވެ. މިހާރު މިފްކޯ އިން ގަންނަ މަހުގެ 20 ޕަސެންޓް ދަޅުމަހުގެ ބާވަތްތަކުގެ ގޮތުގައި އުފައްދާ އިރު ބާކީ 80 ޕަސެންޓް ރޯމަހުގެ ގޮތުގައި ދަނީ އެކްސްޕޯޓް ކުރަމުންނެވެ.