މިރޭ އިރާކޮޅު ތާޖުއްދީން ސުކޫލު ކައިރިން ދުއްވާފާ ދިޔަ ސައިކަލެއްގައި އަލިފާން ރޯ ވެއްޖެއެވެ.

މި ހާދިސާ ހިނގިކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސައިކަލުގައި އަލިފާން ރޯވުމުން އޭގައި ތިބި ދެމީހުން ވަނީ ފައިބާފައެވެ.

ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. އެކަމަކު އަލިފާން ރޯވި ސައިކަލު އަނދާ، ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިޔަ އިރު، އެ ސަރަހައްދުގައި އުޅުނު އާންމުން، އަލިފާން ކޮންޓްރޯލް ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުން ދާކަމަށެވެ.