އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ކުންފުންޏަށް 22.7 މިލިއަން ރުފިޔާ ދިނުމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ކަސްޓަމްސް އިން ސީޖީޓީއަށް އަނބުރާ ފައިސާ ދެއްކުމަށް އަމުރު ކުރީ، އެ ފައިސާ އަކީ އެ ކުންފުންނިން 2017 ވަނަ އަހަރު އެތެރެ ކުރި ސިގިރޭޓު ޝިޕްމަންޓަކަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި އިތުރަށް ދެއްކި ފައިސާ ކަމަށް ކަނޑައަޅައެވެ.

ދުންފަތުގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗުމަހުގެ 2 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެންނެވެ. ކަސްޓަމްސް އިން ބުނީ މި ޝިޕްމަންޓްގެ ރާއްޖެ ގެނެސް ދާއިމީ އިމްޕޯޓެއްގެ ގޮތުގައި ކްލިއާ ކުރިއިރު އިސްލާހު ގެނެވުނު ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި ބުނާ ވަގުތު ހަމަވެފައި ވުމުން ޑިއުޓީއަށް އައި ބަދަލު އެކުންފުނިން ނަގާފައިވާ ކަމަށެވެ. އަދި ކަސްޓަމްސް އިން އެކަން އެގޮތަށް ކުރި އިރު ސީޖީޓީ ކުންފުނިން ގެނައި ސިނގިރޭޓް ހުރީ ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްގައި ކަމަށާ، ޑިއުޓީ ރޭޓަށް ބަދަލު އައި އިސްލާހަށް އަމަލު ކުރަން ފެށި އިރުވެސް އެ ސިނގިރޭޓް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ދާއިމީ އިމްޕޯޓަކަށް ބަދަލުކޮށްފައި ނުވާކަމަށެވެ.

ނަމަވެސް އެފައިސާއަކީ އެކުންފުނިން ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށް ކޯޓުން ކަނޑައަޅާ 22 މިލިއަން ދައްކަން ކަސްޓަމްސްގެ މައްޗަށް ހުކުމް ކުރީއެވެ.

ސަރުކާރު ބަދަލު ވުމުގެ ކުރިން، މި މައްސަލައިގައި، ދައުލަތުން ބުނަމުން ދިޔައީ، ކަސްޓަމްސް އިން އެ ފައިސާ ނަގާފައިވަނީ ރަނގަޅަށް ކަމަށެވެ. އެކަމަކު ސަރުކާރަށް އައި ބަދަލާ ގުޅިގެން، ދައުލަތުގެ ފަރާތުން އެއްބަސްވީ، ކަސްޓަމްސް އިން ނެގި ފައިސާ އަކީ، އިތުރަށް ނަގާފައިވާ ފައިސާއެއް ކަމަށެވެ.

މައުސޫމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެސީސީން އާންމު ކުރި ލިސްޓުގައި އެސްއޯއެފާއި މައުސޫމް ހިއްސާވާ ސީޖީޓީ ހިންގާފައި އޮތް 5.7 މިލިއަން ޑޮލަރުގެ ފައިސާގެ މުއާމަލާތާ ގުޅިގެން މައްސަލަ ބަލާ ނިމެންދެން ގޭގައި މަޑުކުރުމަށް ރައީސް ސާލިހު އަންގަވާފައިވާ ބޭފުޅެކެވެ.