ވަޒީފާގެ މަސްއޫލިއްޔަތު ތަކުން ދުރުކޮށްފައި ހުރި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން ނުދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

'ދަޕްރެސް'އަށް މައުލޫމަތު ލިބިފައިވާ ގޮތުން މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާކަމަށް އޭނާއަށް އޭސީސީން ފޮނުވި ސިޓީއެއްގައި ބަޔާން ކޮށްފައިވެއެވެ. އަދި އެސިޓީގައި، މަހްލޫފާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް ބަލާފައިނުވާ ކަމަށާއި އަދި މިހާރުވެސް ބަލަމުން ނުގެންދާ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

އެކަމަކު، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީން ނެރުނު ރިޕޯޓުގައި، އެސްއޯއެފް ކުންފުންޏާ އެކު މަހްލޫފް ފައިސާގެ މުއާމަލާތްތަކެއް ހިންގަވާފައިވާކަން ހާމަ ވެފައި ވެއެވެ. އެކަމާ ގުޅިގެން، ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާއަށް އަންގަވާފައިވެއެވެ.