ދީނަށް އަންނަ ގޮންޖެހުންތަކާ، އިންޑިޔާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ގުޅިގެން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ޖަލްސާ އެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން 'ދަޕްރެސް' އަށް މައުލޫމާތު ދެއްވަމުން، އުމަރު ވިދާޅުވީ، މިހާރަކަށް އައިސް 'ލާދީނީ' ފަރާތްތަކުން ވަރަށް ބޮޑަށް އެމީހުންގެ 'ލާދީނީ އެޖެންޑާ'، ކުރިއަރުވަމުން ގެންދާ ކަމަށެވެ. އެހެން ކަމުން މާދަމާ ރޭގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި މިޖަލްސާގައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ، އެކަމުގެ ސަބަބުން ކުރިމަތި ވެފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"މާދަމާ ރޭ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ އެމީހުންގެ އަދަބުތަކާ، ދެން މިކަމުގެ ފަހަތުގަ ފޮރުވިފަ ހުރި ބައެއް ކަންކަމާ، މުސްތަގުބަލުގަ މިކަމުން ދިވެހި ރާއްޖޭގެ މިނިވަންކަމަށް ދިމާ ވެދާނެ ގޮން ޖެހުންތަކާ، އެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ އަޅުގަނޑުމެން" އުމަރު ވިދާޅުވިއެވެ.

އަދި ޖަލްސާގައި ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ބޭފުޅުންވެސް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، މި ޖަލްސާއަށް ވަކި ހާއްސަ ބަޔަކަށް ދައުވަތު ދީފައި ނުވާނެ ކަމަށާއި، މިއީ އާންމުކޮށް އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޖަލްސާއެއް ކަމަށެވެ.

މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަލްސާ އެއް ކަމަށާއި، އިހްތިޖާޖެއް ނުވަތަ އަޑު އުފުލުމެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ޖަލްސާ ގެ ސަބަބުން ހާސިލު ކުރައްވަން ބޭނުންވެލައްވާ ނަތީޖާއަކީ، މި ކަންކަމާ ގުޅޭ ގޮތުން، ރައްޔިތުންނަށް އިތުރު މައުލޫމާތު ތަކެއް ފޯރުކޮށްދެއްވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.