ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ އދ.ގެ މައި އިދާރާގައި ކުރިއަށް ދާ "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން" ގެ 63 ވަނަ ސެޝަންގައި ބަޔާން އިއްވަވަމުންނެވެ. މި ބަޔާނުގައި ދިވެހިރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިންނަށް އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް މިނިސްޓަރު ޝިދާތާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން، އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ދަތިތަކުގެ ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީީ، މުޖުތަމައުން މިކަން ދެކޭގޮތް ބަދަލު ކުރަން ޖެހޭކަމަށެވެ. އަދި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ވަނީ، ވިހެއުމާއި ގުޅިގެން ހަ މަހުގެ މެޓާނިޓީ ލީވްއެއް ތައާރަފުކޮށްފައި ވާ ކަމަށާ އެއީ ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަ ކަން ހޯދާ ދިނުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންހެނުންނާއި އަންހެންކުދިންނަށް ހަމަހަމަ ފުރުސަތުތަކާއި އަމިއްލައަށް ކަންކަން އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބެންދެން ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މިންތީގެ ހަމަހަމަ ކަން ގާއިމް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ އަންހެނުންނާއި އަންހެންކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި، ރާއްޖެއިން އަމަލުކުރަމުންދާ ޖެންޑާ އީކުއަލިޓީގެ ގާނޫނު އޭނާ ފާހަގަ ކުރެއްވިއެވެ.

މި މަހުގެ 9 އަކުން 20 އަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ މިދަތުރުގައި "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން" ގެ 63 ވަނަ ސެޝަންގެ އިތުރުން، މި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ އިވެންޓް ތަކުގައިވެސް މިނިސްޓަރު ޝިދާތާ ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.