ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒެސް (އެސްއެމްއީ) ބޭންކު ހުޅުވައި އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށްޓަވާނެ ކަމަށް ރައީސް، އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ލޯނުގެ ވާހަކަ ރައީސް އިއުލާން ކުރެއްވީ، ރަށްރަށުގެ ތަރައްގީއާއި ބެހޭ ގޮތުން ކެޔޮދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެސްއެމްއީީ އަކީ 100 ޕަސަންޓް ސަރުކާރު ހިއްސާވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުންފުންޏެކެވެ. މީގެ ތެރެއިން މާލެ، އައްޑޫ ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލެއްގެ ފަސް ޕަސަންޓް ހިއްސާ ހިމެނެއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު 28 ގައެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުފުޅެވެ. އެސްއެމްއީ ބޭންކް ހުޅުވުމުގެ ކުރިން އެންމެ ފުރަތަމަ ހުޅުވަން ނިންމާފައި ވަނީ ފައިނޭންޝަލް އިންސްޓިޓިއުޓެއް ކަމަށް ރައީސް ސާލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި އެސްއެމްއީ ފައިނޭންޝަލް އެންޑް ޑިވެލޮޕްމަންޓްގެ ނަމުގައި ކުންފުންޏެއް އުފައްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިދިޔަ މަހު އެމްއެމްއޭއިން ވިޔަފާރި ކުރުމުގެ ހުއްދަ ދިނީ އެ އިންސްޓިޓިއުޓަށެވެ.