އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކުގައި ސައުދީ އަރަބިއްޔާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގެ ޚާރިޖިއްޔާއިން ރިޕޯޓެއް އާންމުކޮށްފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ މައްޗަށް ބިނާކޮށް އެމެރިކާގެ ޚާރިޖިއްޔާއިން އެކުލަވާލާފައިވާ މި ރިޕޯޓްގައި، ސައުދީއަށް ފާޑުކިއުންތައް އަމާޒުކޮށްފައިވަނީ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައެވެ.

ސައުދީގެ ޝާހީ އާއިލާއަށާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، އިހާނެތި ގޮތަކަށް މަރާލާފައިވަނީ ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ވަނުމާއިއެކު، އެ ކޮންސިއުލޭޓް ތެރޭގައެވެ. ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީއިން އިއުތިރާފުވީ ނަމަވެސް އެމައްސަލައިގެ ސަރިޔަތެއް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުމަށް ސައުދީއިން ދަނީ ތަކުރާރުކޮށް އިންކާރުކޮށް، ހުރަސް އަޅަމުންނެވެ.

ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން 11 މީހަކު ހައްޔަރުކޮށް 10 މީހެއްގެ މައްޗަށް ސަރިޔަތް ހިންގާ، 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު ކަމެއް އެގައުމުން ހާމަކޮށްފައި ނުވާއިރު، ސައުދީގެ ޕަބްލިކް ޕްރެސިކިއުޓާގެ އޮފީހުން މިކަމާއި ބެހޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާކަން އެމެރިކާ ޚާރިޖިއްޔާގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ހައްޔަރުކޮށްފައިވާ މީހުންނަކީ ޚަޝޯގީ މަރާލުމުގެ އަމަލު ހިންގުމުގައި ކޮން ދައުރެއް އަދާކުރި ބައެއްކަން ހާމަކޮށްފައި ނުވާއިރު، ތަހުގީގު މިހާރު ގޮސްފައިވާ މިސްރަބާކައި ހިސާބެއްވެސް ސައުދީއިން ހާމަކޮށްފައި ނުވާކަން އެމެރިކާ ޚާރިޖިއްޔާގެ ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ޚަޝޯގީގެ މަރުގެ އިތުރުންވެސް ސައުދީގައި ހިންގާފައިވާ އިންސާނީ ހައްގުތަކަށް އުނިކަން އާންނަ ކިތަންމެ ހާދިސާއެއްގެ ވާހަކަ، އެމެރިކާގެ ޚާރިޖިއްޔާގެ ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތްނަމަވެސް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި، ވަކީން ހާއްސަކޮށް ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)އާއި ގާތް ގުޅުމެއް ދަމަހައްޓަވަމުންނެވެ.